ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ.
އުމުރުފުޅުން 81 އަހަރުގައި، ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ސިއްހީ ހާލަތު ގޯސްވެ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެެވެ.
މޫސާ މަނިކަށް ދިވެހި ސަރުކާރުން ވަނީ ޕާފޯމިން އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލް ކުޅުމުގެ ރޮނގުން 2009 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމް ދީފައެވެ. އަދި ތަމްސީލްކުޅުމުގެ ރޮނގުން 1983 ވަނަ އަހަރު އާއްމު ހިދުމަތުގެ އިނާމު ވަނީ ދީފައެވެ.
މުނިފޫހިފިލުމުގެ ދާއިރާއަށް މޫސާ މަނިކު ތައާރަފްވީ މަޖީދިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1977 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ކާނިވަލުގެ ސްޓޭޖް ޝޯތަކުގައި ކުޅުނު ތަމްސީލުތަކުންނެވެ. އޭގެ ފަހުން 1982 ވަނަ އަހަރު ޓީވީއެމުން އުފެއްދި ބޮޑުތަކުރުފާނު ފިލްމުގައި ޕޯޗުގީޒުންގެ ލަޝްކަރުގެ ވެރިޔާ “ވިޔަޒޯރު”ގެ ރޯލް މޫސާ މަނިކު ވަނީ އާންމުންގެ މަގުބޫލުކަން ހޯދާފައެވެ. އެންމެ ފަހުން މޫސާ މަނިކު ފިލްމަކުން ފެނިގެން ދިޔައީ 2010ވަނަ އަހަރުއެވެ.
މޫސާ މަނިކުގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ސިޓީ”، “ދެވަނަ އަނބި”، “ޒަހަމް”، “ހިފެހެއްޓުމެއް ނެތް ކަރުނަ”، “ހީލަތް”، “ޒަލްޒަލާ”، “އެދި އެދި ހޯދީމޭ” އަދި “ޔޫސުފް” ހިމެނެ އެވެ. ޑްރާމާތަކުން އެންމެ ފާހަގަކުރެވެނީ “ކައްތިރި” އެވެ.
މޫސާ މަނިކަކީ، ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސްމެއެވެ. އެގޮތުން 1970ގެ އަހަރުތަކުގައި ރާއްޖޭގައި ނެރުނު ނޫސް މަޖައްލާތަކަށް ބޭނުންވާ ކުރެހުންތަކާއި އޭރުގެ ވާހަކަ ފޮތްތަކުގެ ބޭރުގަނޑުގެ ތަސްވީރުތައް ޗިޅިޔާ މޫސާ މަނިކު ކުރައްސަވާފައިވެއެވެ.
މޫސާ މަނިކު ވަނީ ފިލްމް “ހަަގު އަނބި” އިން 1996 ވަނަ އަހަރުގެ “އާފަތިސް” އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓަރުގެ މަގާމް ހޯއްދަވައިފަ އެވެ. އަދި “އާފަތިސް” އެވޯޑްސްގައި 1995 ވަނަ އަހަރު “ޒަހަމް” ފިލްމުން އެންމެ މޮޅު ވާހަކަ އާއި އެންމެ މޮޅު ޑައިލޮގްގެ އެވޯޑް ހާސިލްކުރައްވާފައި ވެއެވެ.
ފިލްމީ ދާއިރާއަށް މޫސާ މަނިކު ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް “މިއަދު” ކްރިސްޓަލް އެވޯޑްސްއިން 2008 ވަނަ އަހަރު އޭނާއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ވަނީ ދީފައެވެ.
ކޮމެންޓްސް (0)