މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓްހައުސްތައް މިއަދު ހުޅުވަން ސާރުކާރުން ނިންމަވާފައިވާކަމަށާއި، ގައިޑްލައިންއާއި ހިލާފުވާ ގެސްޓްހައުސްއަކަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެކަމަށް ފަސްނުޖެހޭނަކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްއަދު ރިޒާ ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވާލިނަމަވެސް އެޗްޕީއޭގެ ގައިޑްލައިންއަށް އަމަލުކުރާނަމަ ކޯވިޑްގެ ނުރައްކާ އިތުރުވެގެން ނުދާނެކަމަށާއި ޓޫރިޒަމް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކާއި ޓާސްކް ފޯސްއާއި ވަރަށް ގާތުން މަސައްކަތްކުރާނެކަމަށެވެ.
ގެސްޓްހައުސް ސިނާއަތްފަދަ މުހިންމު ސިނާއަތެއް ގިނަ ދުވަހަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގިނަ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގެސްޓްހައުސް ސިނާއަތަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ވިޔަފާރިއަކަށްވުމުގެ ސަބަބުން ރަށުގެ އެހެން ވިޔަފާރިތަކަށްވެސް އާމްދަނީގެ ގޮތުގައި ގިނަގުނަ ފައިދާތަކެއް ލިބިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީއަށް ބެލިކަމުގައި ވިޔަސް މިދިޔަ އަހަރު ހަމައެކަނި ގްރީން ޓެކްސްގެ ގޮތުގައިވެސް 3 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ގެސްޓްހައުސް އިންޑަސްޓްރީން ލިބިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޯވިޑްއަށްފަހު ގެސްޓްހައުސްތައް ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން ރަށެއްގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެނީ އެރަށެއްގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއަށް ފެތޭނަމައެވެ. ގައިޑްލައިންތަކަށް ފެތޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ޓޫރިޒަމް މިނިސްޓްރީއަށް އެސްއޯޕީތައް ހުށައަޅަންޖެހެއެވެ. އަސްއަދު ވިދާޅުވީ، މިއަދުން ފެށިގެން މާލެ ކައިރި ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކަށް މިހާރުވެސް ބުކިން ލިބިފައިވާކަމަށެވެ.
“ގެސްޓްހައުސްތަކުގެ އެސްއޯޕީތައް ލިބުމާއިއެކު އެބަލައި ކައުންސިލްތަކަށް ފޮނުވާފައި ގެސްޓްހައުސްގެ އިންސްޕެކްޝަނެއް ހަދާފައި ގައިޑްލައިންއާއި އެއްގޮތައް ކަންކަން އެރޭންޖްވެފަ ހުރެއްޖިއްޔާ ހުއްދަ ދޭނަން. މިހާރު ޓޫރިޒަމް މިނިސްޓްރީއަށް އެބަހުރި ގާތްގަނޑަކަށް 500 އަށްވުރެ ގިނަ އެނދު ހިމެނޭގޮތައް 22 އަކަށް ގެސްޓްހައުސްއިން އެސްއޯޕީތައް ލިބިފައި. މިއަދު އެބަހުރި ބައެއް ރަށްރަށަށް ހަމަ އެރައިވަލްސްވެސް. ފާހަގަކޮށްލާނަން އެގޮތުން މާލެ ކައިރީގެ ބައެއް ރަށްރަށަށް އެބަހުރި 30 ރޫމް އިން 40 ރޫމްއިން ޓޫރިސްޓުން އަންނަން ބުކް ކޮށްފައި.” އަސްއަދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި 600 އަށްވުރެ ގިނަ ގެސްޓް ހައުސް މިހާރުވެސް އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 އިންސައްތައެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ 10 އިންސައްތަ އައީ ގެސްޓްހައުސްތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ 6000 އަށްވުރެ ގިނަ ވަޒީފާ ސީދާގޮތުން ގުޅިފައިވަނީ ގެސްޓްހައުސް ސިނާއަތަށްށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ބައެކެވެ.
މަސްދަރު: ނާރެސް
ކޮމެންޓްސް (0)