ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.
ބާސެލޯނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް 1 ލަނޑު 1 ލަނޑުން އެއްވަރު ވެފައިވަނިކޮށް ބުދަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަލެގްގެ މެޗް 3 ލަނޑު 0 ބާސެލޯނާ ކާމިޔާބުކޮށް 4 ލަނޑު 1 ލަނޑުގެ އެގްރިގޭޓުންނެވެ.
ބުދަދުވަހުގެރޭ ރެއާލްމެޑްރިޑްގެ ދަނޑުގައި ކުޅެވުނު މިމެޗުން ރެއާލްމެޑްރިޑު 3-0 އިން ބަލިވިޔަސް މިމެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް އެޓީމަށްވެސް ލިބި ބޭނުން ނުކުރެވިދިޔަތަން ފެނިގެން ދިޔައެވެ.
މިގޮތުން ފުރަތަމަ ހާފްގެ ތެރޭގައި ކަރިމް ބެންޒެމާ އާއި ވިނީސިއަސް ޖޫނިއާސްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލަންޖެހެއެވެ.
މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން ދެލަނޑު ސުވަރޭޒް ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑަކީ ރެއާލްމެޑްރިޑްގެ ކުޅުންތެރިއެއްކަމުގައިވާ ރަފެއެލް ވަރާން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މިއީ މި މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ބާސާ ފުރުސަތު ހޯދި ހަވަނަ ފަހަރެވެ. ބާސެލޯނާއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަށްވާއިރު، މިހާތަނަށް އެޓީމުން ވަނީ 30 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. އަދި 10 ފަހަރެއްގެ މަތިން އެޓީމު ވަނީ ދެވަނަ ހޯދާފައެވެ.
ބުދަދުވަހުގެރޭ މިދެޓީމް ކޮޕާޑެލްރޭގެ ސެމީފައިނަލުގައި ބައްދަލުކޮށްފައިވާއިރު ސްޕެނިޝް ލީގުގައި މިދެޓީމް ބައްދަލުކުރާމެޗް އަންނަ ހޮނިހިރު ދުވަހުގެރޭ ރެއާލްމެޑްރިޑްގެ ދަނޑުގައި އޮންނާއެވެ.