މީދޫ ވޮލީޓީމަކާ ފުވައްމުލަކު ވޮލީޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބުކޮށްފި އެވެ.
މީދޫޓީމްގެ ދައުވަތަކަށް ފުވައްމުލަކު ވޮލީޓީމް މީދުއަށްއައިސް މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީކޯޓުގައި މިދިޔަ ހުކުރު ދުވަހު ހަވީރު ކުޅެވުނު މިމެޗް މީދޫޓީމް ކާމިޔާބު ކުރީ 3 ސެޓް 2 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓް 21-25 އިން މީދޫޓީމް ކާމިޔާބުކުރިނަމަވެސް ދެވަނަ ސެޓް 25-11 ގެ ބޮޑުތަފާތަކުން ކާމިޔާބުކުރީ ފުވައްމުލަކު ވޮލީޓީމެވެ.
މިމެޗްގެ 3 ވަނަ ސެޓް ފަށައިގެން 16 ޕޮއިންޓް މީދޫޓީމަށް ލިބުނުއިރު ފުވައްމުލަކު ޓީމަށް ލިބިފައިއޮތީ 9 ޕޮއިންޓެވެ. އެހެންނަމަވެސް ފުވައްމުލަކުޓީމުންވަނީ ފަހަތުން އަރާ 25-21 އިން މި ސެޓް ކާމިޔާބުކޮށްފަ އެވެ.
މިމެޗްގެ 4 ވަނަސެޓް ވާދަވެރިކުޅުމަކަށްފަހު 25-23 އިން ކާމިޔާބުކުރީ މީދޫޓީމެވެ.
މިމެޗްގެ 4 ވަނަ ސެޓް ނިމުނުއިރު މަޣުރިބްނަމާދަށް ބަންގިދޭން ކައިރިވެފައިވާތީ މިމެޗްގެ 5 ވަނަ ސެޓް ކުޅެވުނީ މަޣްރިބްނަމާދުކޮށްނިމުމުން ލައިޓް ދިއްލައިގެންނެވެ.
މިމެޗުގެ ފަހު ސެޓް މީދޫޓީމު ފަސޭހަ ކަމާއެކު 15-7 އިން ކާމިޔާބުކޮށް މިމެޗުންވަނީ މޮޅުވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މީދޫޓީމަށް ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު އިބްރާހިމްއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމްއަށް ޓްރޮފީ ހަވާލްކޮށްދެއްވީ ސައިދާ މިޠީއުއެވެ.
މީދުއަށް ޒިޔާރަތްކޮށް މިމެޗްގައި މީދޫޓީމާ ވާދަކުރި ފުވައްމުލަކު ވޮލީމަށް މީދޫ ވޮލީޓީމްގެ ފަރާތުން ދެއްވި ހަނދާނީ ލިއުން އެޓީމާ ހަވާލްކޮށްދެއްވީ މީދޫ އަވަށުއޮފީހުގެ ޑިރެކްޓަރ އަބްދުﷲ ރަޝީދެވެ.
މީދޫޓީމް ފުވައްމުލަކު ވޮލީޓީމާއެކު ހުކުރުދުވަހު ކުޅެވުނު މެޗުން މޮޅުވެފައިވާއިރު މިދިޔަމަހު މީދޫޓީމް ފޭދުއަށް ޒިޔާރަތްކޮށް ފޭދޫޓީމާއެކު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗުންވެސް މޮޅުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.