އައްޑޫއާއާއި އިންޑިއާއި ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން އިންޑިއާ ސަފީރާ މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއެކު އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށް، މަޝްވަރާކޮށްފިއެވެ.

އައްޑޫ ސިޓީގެ ހުރިހާ ކައުންސިލް މެންބަރުންނާއެކު އިންޑިއަން ހައި ކޮމިޝަނުގައި އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ބައްދަލުވުމުގައި ކައުންސިލުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި އައްޑޫގައި އިންޑިއާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އޭގެ އިތުރުން އިންޑިއާއާއި އައްޑޫއާ ދެމެދު ވައިގެ ދަތުރު ފެށުމަށާއި ކަނޑުމަގުން މުދާ އެތެރެކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި އިންޑިއާ ސަފީރާއެކު އައްޑޫ ކައުންސިލް މެންބަރުންވަނީ މަޝްވަރާ ކުރައްވައިފައެވެ.

އައްޑޫ ސިޓީގެ ކައުންސިލުން އިންޑިއާ ސަފީރާ ބައްދަލުކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައިފައެވެ. އެގޮތުން އެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ ކައުންސިލުން ހުށަހެޅިކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

Next: ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް