އައްޑޫސިޓީގެ އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ކައުންސިލުން ހުޅުވާލައިފި

އައްޑޫސިޓީ ކައުންސިލްގެ އަވަށުމަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން އިއްޔެ  ހުޅުވާލައިފިއެވެ.

ކައުންސިލުން އިއްޔެ ނެރުއްވި އިއުލާނުގައިވާ ގޮތުން އަވަށު މަޝްވަރާ ކޮމެޓީތައް އުފެއްދުމުގެ މަޤްޞަދަކީ ކައުންސިލުން ސިޔާސަތު އެކުލަވާލުމުގައި ވީހާވެސް ގާތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދޭނޭ ނިޒާމެއް ގާއިމްކުރުމާއި، ވަކިވަކި ދާއިރާތަކަށް ބޭނުންޖެހިފައިވާ ކަންތައްތައް ދެނެގަތުމާއި، ކައުންސިލުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް މަގު ފަހިކުރުމާއި، އަދި އަވަށު ފެންވަރުގައި ބަސްކިޔޭނޭ ނިޒާމެއް ގާއިމްކުރުމެވެ.

ރައްޔިތުންގެ ބައިވެރިވުމާއިއެކު ކޮމެޓީތައް ހިންގުމަށްޓަކައި މެމްބަރުން ނަގަނީ 5 ދާއިރާއަކުންނެވެ. އެއީ، އިޤްތިސާދީ ދާއިރާ، ޞިއްޙަތާއި މުޖުތަމައުގެ ދާއިރާ، ތަޢުލީމާއި މުއާސަލާތުގެ ދާއިރާ، ތިމާވެށްޓާއި ޔުޓިލިޓީސް ގެ ދާއިރާ، އުމުރާނީ އާއި ތަރައްޤީގެ ދާއިރާ އެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، އަދި މީދޫ މިއިން ކޮންމެ އަވަށެއްގައި އަވަށު މަޝްވަރާ ކޮމެޓީއެއް އުފެއްދުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ކޮމެޓީތަކުގައި ތިއްބަވާނީ ގިނަވެގެން 15 މެމްބަރުންނެވެ. އަދި މަދުވެގެން 7 މެމްބަރުންނެވެ.

އައްޑޫސިޓީ ކައުންސިލްގެ އަވަށު މަޝްވަރާ ކޮމެޓީތައް ކައުންސިލުން އުފައްދަވާފައިވަނީ އައްޑޫސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ 35 ވަނަ ޖަލްސާގައެވެ.

Next: އައްޑޫ ސިޓީއަށް އެއްވެސް ގޮނޑި އިތުރު ނުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފި