އައްޑޫ ސިޓީއަށް އެއްވެސް ގޮނޑި އިތުރު ނުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފި

އައްޑޫސިޓީއަށް ރަށްޔިތުންގެ މަޖިލިހުގެ ގޮނޑި އިތުރު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަނުން މިގޮތަށް ނިންމާފައި ވަނީ، އައްޑޫ ސިޓީގެ މަރަދޫ ފޭދޫ އާއި މީދޫ އަކީ ވަކި އިދާރީ ދެ ދާއިރާކަމުގައި ކަނޑައަޅާ، މަޖިލީހުގައި އައްޑޫ ތަމްސީލު ކުރާ އިތުރު ދެ ގޮނޑި ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން، އިލެކްޝަންސް ކޮމިޝަންއާ ބައްދަލުކޮށް މަޝްވަރާތަކެއް ކުރި ފަހުންނެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު އިލެކްޝަންސް އިން ކުރިއަށް ގެންދެވި މަޝްވަރާގެ ތެރެއިން މަރަދޫފޭދޫ އާއި މީދޫ އަކީ ވަކި ދެ ދާއިރާގެ ގޮތުގައި ހަމަޖައްސަން ހުށަހަޅާފައިވަނީ އައްޑޫގެ އާބާދީ މިހާރު އިތުރުވަމުންދާ އިތުރުވުމަށް ބަލައެވެ.

އަދި އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް އެދިފައިވާ އެހެން ސަބަބަކީ މިހާރު އިދާރީ ދާއިރާތައް ކަނޑައެޅި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހިފައިވާ ގޮތަށް ބަލާއިރު މީދޫ ތަމްސީލުވާ މިންވަރު ކުޑަވެ، އިދާރީ ގޮތުން ކުރިއަށް ގެންދަން ޖެހޭ ބައެއް ކަންކަމަށް ދަތިވާތީއެވެ.

ނަމަވެސް އިލެކްޝަންސް އިން އިއްޔެ ބުނީ މާލޭގެ ހެންވޭރު އަދި މައްޗަންގޯޅި އަށް ދެ ގޮނޑި އިތުރު ކުރުން ފިޔަވާ ރާއްޖޭގެ އެއްވެސް އިންތިހާބީ ދާއިރާއަކަށް ބަދަލު ނުގެންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

Next: އައިއެސްއޭ ވޮލީ މުބާރާތް 2018- ލެއްޗޭއާއި ބައްދަލުކުރިމެޗު ޓޫސިސްޓަރ ކާމިޔާބުކޮށްފި