އައްޑޫ ސިޓީ ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައިކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.މުހައްމަދު ޙަބީބް ވިދާޅުވެއްޖެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކުރެވުނު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޑރ. ހަބީބް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކޮންވެންޝަން ސެންޓަރުގަ ސަރުކާރުން ތަރައްޤީކުރަމުންދާ ހޮސްޕިޓަލްވެގެންދާނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަށީގެ ބަލިތަކަށް ފަރުވާދޭނެ ހޮސްޕިޓަލަށްކަމަށެވެ.
“އަޅުގަނޑުމެން ޕްލޭން ކޮށްފަަ އޮތީ އައްޑު އަތޮޅުގެ އަލަށް މިއަންނަ ހޮސްޕިޓަލް ޚާއްޞަ ވެގެން ދާނީ ކަށީގެ ކަންތަކަށް ނުވަތަ އޮތޮޕީޑިކް ސެންޓްރޮމޯ ސާރޖަރީއަށް. އެއީ މިތަނަކީ އެންމެ ގިނައިން އަނިޔާވެ އެކަހަލަ ކަންތައް ދިމާވާ ތަނަކަށް ވެފަ، ބޮޑު އާބާދީއެއް އޮންނަ ތަނަކަށް ވީމަ މި އަތޮޅު ރީޖަނަލް ހޮސްޕިޓަލް ޑިވެލޮޕް ވާނީ ސެންޓަރ އޮފް އެކްސެލެންސް ފޯ އޮތޮޕީޑިކް ސެންޓްރޮމޯ ސާރޖަރީއަށް. އަދި އެހެން ހުރިހާ ސްޕެޝަލިޓީސް ތައްވެސް ހުންނާނެ. އެކަމަކު ރާއްޖޭގެ އެންމެ ރަނގަޅަށް ކަށީގެ ކަންތައް ކުރާ ތަނަކަށް މިތަން ވެގެންދާނެ.” ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫސިޓީއަކީ ގިނަ ޢަދަދެއްދެ އެކްސިޑެންޓް ހިނގާ ސިޓީއެއްކަމުން ތަރައްޤީ މިކުރާ ހޮސްޕިޓަލަކީ ކަށީގެ ޚާއްޞަ ތަނަކަށް ވުމުން ރައްޔިތުންނަށް ފަރުވާ ހޯދުމުގައި ލުއި ފަސޭހަވެގެންދާނެކަމަށް ޑރ. ހަބީބް ވިދާޅުވިއެވެ.
އައްޑޫސިޓީގެ ކޮންވެންޓަން ސެންޓަރު 100 އެދުގެ ޓަރޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ސަރުކާރުން އައްޑޫސިޓިގައި ޤާއިމު ކުރާ މި ހޮސްޕިޓަލަކީ ސަޢޫދީ ފަންޑާއި، އޯޕެކްގެ ލޯނުގެ އެހީގައި ޤާއިމުކުރާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް ފަރުމާކޮށްފައިވަނީ ހުރިހައި ބަލިތަކައް ފަރުވާދެވޭ ގޮތައް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.