ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް އިންތިޚާބުކޮށްފިއެވެ.
މަޖިލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިބްރާހީމް އިންތިޚާބުކުރީ، މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުޙައްމަދު އިސްތިއުފާދެއްވުމާ ގުޅިގެނެވެ.
މަޖިލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިބްރާހީމް އިންތިޚާބުވެވަޑައިގަތީ، މަޖިލީހުގެ ރައީސް އިންތިޚާބުކުރުމަށް ނެގި ސިއްރު ވޯޓުގައި ބައިވެރިވެވަޑައިގަތް 80 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ގާސިމްއާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
މަޖިލީހުގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހެޅުއްވީ އިންތިޚާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހުއެވެ. އެހުށަހެޅުމަށް ތާޢީދުކުރެއްވީ އިންތިޚާބީ ނާއިބު ރައީސް އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.
ގާސިމް އިބްރާހިމްއާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ. އެހުށަހެޅުމަށް ތާޢީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.
ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާއިރު އެމަނިކުފާނު މީގެ ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްގެ މަޤާމު އަދާކުރައްވާފައި ވެއެވެ.