އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން ދޫކޮށްލައިފައި ވަނީ އެމީހުންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

އައްޑޫގައި މިމަހު ހަ ވަނަ ދުވަހު ހިންގި މާރާމާރީގައި، 22 އަހަރުގެ ޒުވާނެއް ކަމަށްވާ އީވާންއަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. އީވާންގެ ބުރަކައްޓަށާއި ކަރަށް އަދި ބޮލަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އަދި އޭނާގެ ފުއްޕާމެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އައިޖީއެމްއެޗުން ބުނީ އީވާން އަށް މިހާރު ވެސް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންގެންދާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައި ދުވަހު ވެސް ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

“އޭނާއަށް މިހާރު ވެސް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންގެންދަނީ.” އައިޖީއެމްއެޗުން ބުންޏެވެ.

ފުލުހުން ބުނީ އީވާންއަށް ހަމަލާ ދީފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ ތެރެއިން ކަމަށެވެ.

Next: ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލާންޖެހުނީ ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްހަތު އިބްރާހިމްގެ އިހުމާލުން