ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލިވަޕޫލްގެ ސަލާހު

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، ލިވަޕޫލްގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ފޯވާޑް ސަލާހަށް ލިބިއްޖެއެވެ.

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް  ސަލާހު މި ހޮވުނީ، ޓޮޓެންހަމްގެ ހެރީ ކޭން އާއި މެންޗެސްޓާ ސިޓީގެ  ކެވިން ޑި ބްރޭނާ އާއި ވާދަކޮށްގެންނެވެ. ވޯޓްގައި ބްރޭނާއަށް ދެ ވަނަ ލިބުނުއިރު ކޭން ހޮވުނީ  3 ވަނަ އަށެވެ.

މި ދިޔަ އަހަރުގެ ޖޫން މަހުގައި 36.9 މިލިޔަން ޕައުންޑަށް ރޯމާ އިން ލިވަޕޫލްއަށް ބަދަލުވި ސަލާހް މި ސީޒަންގެ މިހާތަނަށް ލިވަޕޫލަށް 41 ލަނޑު ޖަހައިދީފައިވާއިރު، އޭނާ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭ ސެންޓްރަލް ލަންޑަންގައި އޮތް 45 ވަނަ ޕީއެފްއޭ އެވޯޑްސްގައި ސަލާހް މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލިއިރު، މި ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ވެސް މި ވަގުތު ސަލާހްއެވެ.

ރޭގެ އެވޯޑް ނައިޓްގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓާ ސިޓީގެ ލޯރީ ސާނޭއެވެ.

Next: ގެއްލުނު އިރު އަލީފަހުމީ ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނިއްޖެ