އިގިރޭސި ލީގުކަޕްގެ ކުއާޓާ ފައިނަލުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދައިފި އެވެ
މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީ އިން މެޗު ޑޮމިނޭޓުކުރި އިރު، މިފާހުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އިގިރޭސި މިޑްފީލްޑަރު ކޯނޯ ގަލެގާރ އަށެވެ.
ފުރަތަަމަ ހާފު 7 ވަނަ މިނެޓުގައި ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް އޭގެ 9 މިނެޓް ފަހުން ޗެލްސީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނިއުކާސަލް ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ވިލްސަން އެވެ.
ނިއުކާސަލްގެ ލަނޑަށްފަހު ޗެލްސީ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ފޯވާޑް ރަހީމް ސްޓާލިން ގެ އިތުރުން އާމަންޑޯ ބްރޯޖާ އަށް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޗެލްސީގެ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅެމުންދިޔަ އިރު، މިހާފުގައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އެޓީމު ފޯވާޑް ނިކޮލަސް ޖެކްސަންގެ އިތުރުން ރަހީމް ސްޓާލިން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، މިހާފުގައި ނިއުކާސަލްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.
ޗެލްސީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޔުކުރެއިން ފޯވާޑް މުޑްރިކް އެވެ. މިއީ ނިއުކާސަލްގެ ޑިފެންޑަރު ޓްރެޕިއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކަމިޔާބުކުރި ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ޗެލްސީ އިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ފުލަމް އާއި އެވަޓަން ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، ސެމީގެ ފުރުސަތު ހޯދީ ފުލަމް އިންނެވެ. އަދި މިޑުލްސްބަރާ އާއި ޕޯޓް ވެލް ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މިޑުލްސްބަރާ އިން ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.