ނަޝީދު ވާދަކުރެއްވިޔަސް ރައީސް ސާލިހަށް އިންތިޚާބު ކާމިޔާބުކުރުމަށް ހުރަހެއް ނެތް: ފައްޔާޟު

ރައްޔިތުންމެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކަމުގައި ވިޔަސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޟު ވިދާޅުވީ އެ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވި ބޭފުޅުންނަށް ފިޔަވަޅު ނާޅާ މަޑު ކުރެއްވީ އެކުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާތީ ކަމަށެވެ.

އެހެންނަމަވެސް އެ ބޭފުޅުން ޕާޓީން ވަކިވެ، އާ ޕާޓީއެއް އުފައްދަން ނިންމާފައި ވާތީ، ނަޝީދު އެ ގޮތަށް ބޭނުންފުޅުވާ ނަމަ އެންމެ ރަނގަޅު ވާނީ އަންނަ ރިޔާސީ އިންތިހާބަށް މި ފަހަރު ކުރިމަތިލެއްވުން ކަމަށް ވެސް ފައްޔާޟު ވިދާޅުވިއެވެ.

“ރައީސް ނަޝީދަށް އަޅުގަނޑު ވަރަށް އިހްތިރާމް ކުރަން. އެއީ ޕާޓީ މެންބަރުންގެ ލޯބި ލިބިވަޑައިގެންފައިވާ ލީޑަރެއް.”

ފައްޔާޟު ވިދާޅުވިއެވެ.

މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ 12 މެންބަރުން އެޕާޓީން ވަކިވުމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެކަމުން ވެސް އެޕާޓީއަށް ނޭދެވޭ އަަސަރެއް ކުރާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި މިހާރު ވެސް އެމްޑީޕީއަށް އިތުރު މެންބަރުން ގުޅެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ގިނަ މެންބަރުންތަކެއް ވަކިވެގެން ދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

Next: ޗެމްޕިއަންސް ލީގު: އޭސީމިލާން ބަލިކޮށް އިންޓަމިލާން ފައިނަލަށް