ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިޓަލީގެ އިންޓަ މިލާން ޖާގަ ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަމިލާން ޖާގަހޯދީ ސެމީފައިނަލްގައި ވާދަވެރި އޭސީ މިލާނުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި ދެ ޓީމް ފާއިތުވި ހަފްތާގައި ސެމީ ފައިނަލު ފުރަތަމަ ލެގުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއިން އިންޓަމިލާން ކާމިޔާބުކޮށްފައިވަނިކޮށް މިހަފްތާގައި ކުޅުނު ދެވަނަ ލެގްގެ މެޗުންވެސް 1 -0 އިން އިންޓަމިލާން ކާމިޔާބުކުރުމާގައި ގުޅިގެން އިންޓައަށް ފައިނަލުން ޖާގަ ލިބިފައި ވަނީ މިލާނުގެ މައްޗަށް 3-0 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދުމާއި ގުޅިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރު ކާމިޔާބު ކޮށްފައިވާ އިންޓަ މިލާނުން އެންމެ ފަހުން މުބާރާތުގެ ފައިނަލުގައި ކުޅެފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ. އެއީ 2010 ވަނަ އަހަރު އިންޓަގެ ކޯޗަކަށް މޮރީނިއޯ ހުރިއިރުއެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި ކުޅެ އިންޓަ ވަނީ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.