ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ބޯޓު ނަގަން މުހުލަތެއް ދީފި

ކޮޅުމަޑުލު ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރި ފަރާތުން އެ ބޯޓު ނަގަން އެ ރަށު ކައުންސިލުން މުހުލަތެއް ދީފިއެވެ.

ވޭމަންޑޫ ކައުންސިލުން ބުނީ އެ ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވާ ކަނޑައިގެން ގޮސް އެ ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާތީ، އެ ބޯޓު އެ ތަނުގައި އެ ގޮތަށް އޮވެއްޖެނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށާއި، ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށެވެ. އޭގެ އިތުރުން އެ ސަރަހައްދަކީ ރަށުގެ އޮޑި ދޯނިފަހަރު އެހެލުމާއި، އޮޑިއެއް ބަނުމުގެ މަސައްކަތް ކުރާ ސަރަހައްދެއް ކަމަށާއި، އެގޮތުން އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ދަތި އުނދަގޫތަކެއް ވެގެންދާނެ ކަމަށެވެ.

ކައުންސިލުން ބުނީ އެ ބޯޓުގެ ވެރި ފަރާތެއްވާނަމަ 30 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން އެ އިދާރާއަށް އަންގަވައި ދެއްވުން އެދޭ ކަމަށާއި، އެ މުއްދަތުގެތެރޭގައި ބޯޓުގެ ވެރިފަރާތެއް ވާކަން އެ އިދާރާއަށް ނާންގައިފިނަމަ ގަވާއިދުގައިވާ ގޮތުގެ މަތިން ބޯޓާމެދު އަމަލުކުރެވޭނެ ކަމަށެވެ.

މަސްދަރު: ދިޑެއިލީ

Next: އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފި