ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ބ. ކިނބިދު އާއި ނ. ލަންދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.
އެ ފަންޑްގެ އެހީގައި ކިނބިދޫގައި ވަނީ ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ހަދައިފަ އެވެ. ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެހެން މި ސަރަހައްދުގައި ވަނީ ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން އައިޝަތު ސަމާ ވިދާޅުވީ އެ ރަށުގައި މޫދަށް އެރުމަށް ހާއްސަ ބީޗު ސަރަހައްދެއް ނެތުމުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްއުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކަށް އާންމު ގޮތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވާ ކަމަށެވެ.
“މި ސަރަހައްދު ތަރައްގީވުމާއެކު، މިއީ އެންމެނަށްވެސް ބޭނުންކުރެވޭނެ ތަނެއް.”
ކޮމިއުނިޓީ ފަންޑުގެ އެހީގައި ލަންދޫގައި ވަނީ ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި ވަނީ ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފައެވެ. މި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނެއް އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވަނީ ގާއިމްކުރެވިފައެވެ.
ކޮމިއުނިޓީ ފަންޑު ޕްރޮޕޯސަލް ކާމިޔާބު ކުރި އަހުމަދު ރަޝީދު ވިދާޅުވީ މި ބާބަކިއު ސަރަހައްދު ހެދުމުގެ އެންމު ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. އޭނާ ވަނީ މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.