އީރާނުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް މުޒާހަރާކޮށްފި

އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތައް ހާސްބަޔަކު މުޒާހަރާ ކުރާތާ ހަ ދުވަސް ފަހުން، އެ މުޒާހަރާތަކާ ދެކޮޅަށް، އީރާންގެ ސަރުކާރަށް ތާއީދުކުރާ އެތައް ހާސްބަޔަކު އެ ޤައުމުގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ.

އީރާނުގެ ބޮޑެތި ސިޓީތަކާއި އެނޫންވެސް ރަށްތަކުގައި ސަރުކާރުގެ ދިފާޢުގައި ބުދަދުވަހު މުޒާހަރާކުރި މީހުން ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާކުގެ ފަހަތުގައި ތިބީ އީރާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ދުޝްމަން ޤައުމުތަކާއި ބޭރު ޤައުމުތަކުގައި ތިބެގެން އީރާނުގެ ވެރިކަމާ ތޮޅެންއުޅޭ ސިޔާސީ ޚިޔާނާތްތެރިން ކަމަށެވެ. އެފަދަ ފަރާތްތަކުގެ މަޤްޞަދު ޙާސިލްވިޔަ ނުދޭނެކަމަށްވެސް އީރާން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުއްސުރެ އީރާނުގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނިކުމެ އީރާނުގެ ރައްޔިތުންގެ އެތައް ހާސްބަޔަކު މުޒާހަރާ ކުރަމުންދަނީ އިޤްތިޞާދީ ސަބަބުތަކާ ގުޅިގެންނެވެ. މީގެތެރޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ވަޒީފާ ނެތުންފަދަ މައްސަލަތައް ހިމެނެއެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް ބާވީސް މީހުން މަރުވެފައިވާއިރު އީރާނުގެ ސަލާމަތީ ބާރުތަކުންވަނީ ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

Next: އޮޅިގެން ދެވުނު އިންޒާރުން ހަވާއީއަށް ބިރުވެރިކަން!