ޕެސިފިކް ކަނޑުގައި އޮންނަ 1.4 މިލިއަން މީހުންގެ އާބާދީގެ ޖަޒީރާއެއްކަމަށްވާ ހަވާއީއަށް މިދިޔަ ހޮނިހިރުދުވަސް ވެގެންދިޔައީ ބިރުވެރި ދުވަހަކަށެވެ. ހަވާއީގެ ރައްޔިތުން ބިރުވެރިކަމަށް ވައްޓާލީ، އެދުވަހު ހެނދުނު ލިބިގެންދިޔަ ބެލެސްޓިކް މިސައިލުގެ އިންޒާރުންނެވެ.
ހެނދުނު އަށެއްޖަހާ އެހާކަންހާއިރު ހަވާއީގައި ދިރިއުޅޭ ރައްޔިތުންގެ ފޯނަށް ލިބުނު އިންޒާރުގެ މެސެޖުގައި އޮތީ، ހަވާއީއާ ދިމާލަށް ބެލެސްޓިކް މިސައިލެއް އަންނަކަމަށާއި ވީ އެންމެ އަވަހަކަށް ރައްކާތެރިކަން ހޯދުމަށެވެ. ފޯނުތަކަށް މެސެޖު ފޮނުވުމުގެ އިތުރުން، ހަވާއީގެ ޓީވީ އާއި ރޭޑިއޯތަކުންވެސް ދިޔައީ މިސައިލެއް އަންނަކަމަށް ބުނެ، ރައްކާތެރިކަން ހޯދުމަށް އިންޒާރުދެމުންނެވެ. އެއާއެކު ރަށު ތެރެއިން ފެނިގެން ދިޔައީ، އެންމެން އެކި ކޮޅުކޮޅަށް ރައްކާތެރިކަން ހޯދުމަށް ދުވަމުންދިޔަ މަންޒަރެވެ.
ނަމަވެސް އިންޒާރުގެ މެސެޖު ދިންތާ ބައިގަޑިއިރު ފަހުން އެނގުނީ، އެއީ އޮޅުމަކުން ފޮނުވުނު އިންޒާރެއްކަމެވެ. ހަވާއީއަށް މިސައިލެއްގެ އެއްވެސް ބިރުވެރިކަމެއް ނެތްކަން ހަވާއީގެ އިސްވެރިންނާއި އެމެރިކާގެ އަސްކަރިއްޔާއިން ޔަޤީންކޮށްދިނެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހަވާއީގެ ގަވަރުނަރ ޑޭވިޑް ވިދާޅުވީ، އިންޒާރުގެ މެސެޖު ފޮނުވުނީ، ހަވާއީގެ އެމެޖެންސީ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކަށް އޮޅިގެން ނުބައި ފިތަކަށް އޮބިގެންކަމަށެވެ. ނަމަވެސް އެއީ ޤަބޫލު ކުރެވޭނޭކަމެއް ނޫންކަމަށާއި އެފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ނުހިނގާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރައްވާނޭކަމަށްވެސް ގަވަރުނަރ ވިދާޅުވިއެވެ.
އެމެރިކާގެ ސްޓޭޓެއްކަމަށްވާ ހަވާއީއަށް މިސައިލެއް އަންނަކަމަށް ބުނެ އިންޒާރުގެ މެސެޖެއް އޮޅިގެން ނަމަވެސް ދީފައި ވަނީ، އުތުރު ކޮރެޔާއިން އަތުވެދާނެ މިސައިލަކަށް ތައްޔާރުވުމުގެ ގޮތުން ހަވާއީން ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.
އުތުރު ކޮރެޔާއިން ވަނީ އެމެރިކާގެ ސަރަޙައްދުތަކަށް ހަމަލާދޭނެކަމަށް އެތައް ފަހަރަކު އިންޒާރުދީފައެވެ. ޕެސިފިކްގައި އޮންނަ ހަވާއީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވެއެވެ.