އެމެރިކާއާ ކުރިމަތިލުމުގައި ޕާކިސްތާނާއެކު ވާނަން- ޗައިނާ

އެމެރިކާގެ ބިރުދެއްކުންތަކާ ކުރިމަތިލުމުގައި ޕާކިސްތާނުގެ ފަހަތުގައި އޮންނާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފިއެވެ.

ޕާކިސްތާނުން ޓެރަރިޒަމަށް އެހީތެރިވާކަމަށް އަދި އެމެރިކާއަށް ދޮގާއި މަކަރު ހަދަމުން ގެންދާކަމަށް ތުހުމަތު ކުރައްވައި، އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީތައް ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން އިސްލާމް އާބާދުގައި ހުންނަވާ ޗައިނާގެ ސަފީރު ޔައޯ ޖިންގް ވިދާޅުވީ، ޗައިނާއިން ޕާކިސްތާނާއެކު އަބަދުވެސް ދެމި އޮންނާނެކަމަށާއި، ޗައިނާއިން ޕާކިސްތާނަށް އިޙުތިރާމުކޮށް ޤަދަރުވެސް ކުރާކަމަށެވެ.

ޕާކިސްތާނުގައި ހުންނަވާ ޗައިނާގެ ސަފީރު ޔައޯ ޖިންގް އަންގާރަ ދުވަހުވަނީ ޕާކިސްތާނުގެ ޤައުމީ ސަލާމަތާބެހޭ އިދާރާގެ ވެރިޔާ ޖެނެރަލް ނާސިރު ޚާން ޖަންޖުއާއާ އިސްލާމްއާބާދުގައި ބައްދަލުކުރައްވާފައެވެ.

މީލާދީ އައު އަހަރު ފެށުމާއެކު ޓްރަމްޕް ކުރެއްވި ޓްވީޓާ ގުޅިގެން ޕާކިސްތާން ސަރުކާރުންވެސް ވަނީ އެމެރިކާއަށް ރައްދުދީފައެވެ.

އަދި ޓްރަމްޕްގެ ވާހަކަތަކަށް އިޙްތިޖާޖުކުރުމުގެ ގޮތުން އިސްލާމްއާބާދުގައި ހުންނަވާ އެމެރިކާގެ ސަފީރުވެސްވަނީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށްފައެވެ.

Next: އީރާނުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް މުޒާހަރާކޮށްފި