އަންގާރަދުވަހުގެ ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް ޕޯޗުގަލް އަދި ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.
ޕޯޗުގަލް 8 ވަނަ ފަހަރަށް ވޯލްޑްކަޕް ގެ ޖާގަ ކަށަވަރު ކުރީ ޔޫރަޕިއަން ކޮލިފިކޭޝަންގެ ޕްލޭ އޮފް ބުރުގެ ފައިނަލް މެޗުގައި ނޯތު މެސަޑޯނިއާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ޕްލޭ އޮފް ބުރުގެ ސެމީގައި ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ބަލިކުރި މެސަޑޯނިއާ އާއި ދެކޮޅަށް ޕޯޗުގަލްވަނީ މޮޅުކުޅުމެއް ކުޅެފައެވެ. މެޗުގައި 9 ހަމަލާއެއް ޕޯޗުގަލްއިން ވަނީ ފޮނުވާލައިފައެވެ. ފެނާންޑޭޒް 2 ގޯލް ޖެހި މި މެޗުގައި 65 ޕަސަންޓް ބޯޅަ ހިފައްޓައިގެން ކުޅެފައިވަނީ ޕޯޗުގަލްއިންނެވެ.
ފުރަތަމަ ގޯލް ރޮނާލްޑޯގެ އެހީތެރިކަމާއެކު 32 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ގޯލް ޖަހާފައިވަނީ ޖޮޓާގެ އެހީތެރިކަމާއެކު މެޗުގެ 65 ވަނަ މިނެޓުގައެވެ.
އަންގާރަދުވަހުގެ ރޭ ކުޅުނު ދެވަނަ ފައިނަލްގައި ޕޮލެންޑް ވެސް ވަނީ 2-0 ގެ ނަތީޖާއިން ސުވިޑެން ބަލިކޮށް ވޯލްޑްކަޕް ޖާގައެއް ކަށަވަރު ކޮށްފައެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ސުވިޑެން ކޮޅަށް ޕޮލެންޑްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗުގެ 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެވެންޑޮސްކީ އެވެ. 72 ވަނަ މިނެޓުގައި ދެވަނަ ގޯލް ޖަހާފައިވަނީ ޒިއެލެންސްކީ އެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ ވޯލްޑްކަޕް ތާރީހުގައިވެސް ނޮވެމްބަރ ޑިސެމްބަރ މަހުގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ގުރުއަތުނެގުން އޮންނާނީ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުއެވެ.