މިރާއްޖޭގެ ތަރައްގީއަށް އޮތް ހަމައެކަނި ހައްލަކީ އެމްޑީޕީގެ ފިކުރުކަމަށާ އެހެންކަމުން އެމްޑީޕީގެ ފިކުރު އެމްޑީޕީގެ ވިސްނުން އަދި އެމްޑީޕީގެ ފަލްސަފާ ދިރުވަން މަސައްކަތްކުރަން ޖެހޭކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެވެ.
އަލީ ނިޒާރު މިހެންވިދާޅުވީ ކޮމަންޑޫދާއިރާގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމަންޑޫގައި ހުކުރު ދުވަހު ހަވީރު ބޭއްވުނު މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ރާޝިދުއަށް ވޯޓްދިނުމަކީ އެމްޑީޕީގެ އުސޫލާއި ހަމަތަކާ ފަލްސަފާ ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާކަމެއްކަމަށެވެ.
” މިއީ ތިޔަބޭފުޅުންގެ ތަރައްގީއާއި ކުރިއެރުމަށް އަދި ތިޔަބޭފުޅުންދެކެ ލޯބިވެވަޑައިގަންނަވާ ތިޔަބޭފުޅުންގެ ވައުދުތައް ތިޔަބޭފުޅުންނަށް ފުއްދަވައި ދެއްވުމަށް މަސައްކަތްކުރައްވާ ރައީސެއްގެ އިލްތިމާސް ، ވީމާ މިއިއުތިމާސް އަޑުއައްސަވާ ރާޝިދުއަށް ވޯޓް ދެއްވާ “
އެމްޑީޕީން ހުކުރުދުވަހު ހަވީރު ކޮމަންޑޫގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރަށް މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވީ އެބޭފުޅާ ރާއްޖޭގެ އެންމެ ދެކުނުން ކޮމަންޑޫއަށް އައިސް މިކެމްޕެއިންގައި ބައިވެރިވަނީ ކޮމަންޑޫދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ހުސެންގެ އުއްމީދުތައް ފުރިހަމަކުރުމަކޮށް އެކަން ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ކަމަށެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާއި އެކު ކުރިއަށްދާއިރު މި އިންތިހާބުގައި 3 ޕާޓީ އަކުން ވާދަކުރާނެއެވެ. އެއީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް އެވެ މި ތިން ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ އިސް ލާޑަރުންވެސް މި ދާއިރާގެ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން އަންނައިރު، މި އިންތިހާބުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ނިންމާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނައިރު އެމްއާރްއެމް އިން ވަނީ މި އިންތިހާބުގައި އެއްވެސް ކެންޑީޑޭޓަކަށް ތާއިދުނުކުރަން ނިންމާފައެވެ،