ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ޗެރިޓީ ރަން” މިއަދު ބާއްވައިފިއެވެ.

ބީއެމްއެލްގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ބޭންކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ބައިވެރިވިއެވެ. ދުވުމަށްފަހު ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ބާއްވާ “ސްޓާފް ޗެރިޓީ ރަން”ގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން،” ޓިމް ސޯޔާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ “ބީއެމްއެލް ސްޓާފް ޗެރިޓީ ރަން” އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

Next: އައްޑޫ އިން ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެއްޖެ