ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ތެރެއިން ރެއާލްމެޑްރިޑާއި ޝެރިފް ބައްދަލުކުރިމެޗުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީވެސް ޝެރިފުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަކްޝިބޮއޭއެވެ.
އަދި މެޗުގެ ފުރަތަމަ ހާފު ނިމިގެރންދިޔައީވެސް 1 -0 އިން ޝެރިފް ލީޑުގައި އޮވެގެންނެވެ.
އެހެންނަމަވެސް ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށް ޝެރިފުގެ އެޑްމަންޑް އަޑޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް، މެޗުގެ އެންމެ ފަހު މިނެޓުގައި ( 90 ވަނަ މިނިޓްގައި ) ޝެރިފުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ތިލްއެވެ. މިއީ ރެއާލްގެ އޭރިޔާގެ ބޭރުން ސެބަސްޓިއަން ތިލް ފޮނުވާލި ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ރޭގެ މި ނަތީޖާއާއި އެކު ގްރޫޕް ޑީގައި ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއި އެކު މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ޝެރިފްއެވެ. ރެއާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިގެން މި ގުރޫޕުގެ ދެވަނަ ލިބޭއިރު މި ގްރޫޕްގައި ހިމެނޭ އިންޓަ އާއި ޝަޚްތާރަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.