ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓަރ ފައިނަލަށް

advertisement

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ޑެންމާކް ކުއާޓާފައިނަލަށް ދަތުރު ކޮށްފިއެވެ.

ނެދަލެންޑްސްގެ އެމްސްޓަޑަމް އެރީނާގައި ކުޅުނު މި މެޗު ޑެންމާކު ކާމިޔާބުކުރީ ވޭލްސްއާއި ބައްދަލުކޮށް  0-4 ގެ ނަތީޖާ އަކުންނެވެ.

މިމެޗުގައި ޑެންމާކުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޮލްބާގެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވާއިރު ދެވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފްގެ 3 ވަނަ މިނިޓްގައެވެ.

ޑެންމާކުން މިމެޗްގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޖޯކިމް މެއިލެ އެވެ.

މި ލަނޑު ޑެންމާކުން ޖެހިތާ ދެމިނެޓު ފަހުން ވޭލްސްގެ ހެރީ ވިލްސަން އަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. ވިލްސަން އަށް ރެފްރީ ރަތްކާޑު ދެއްކީ ޑެންމާކުގެ ތިންވަނަ ލަނޑު ޖެހި މެއިލެ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ޑެންމާކުން މިމެޗްގައި ޖެހި 4 ވަނަ  ލަނޑު ކާމިޔާބުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުންމީދީ ފޯވާޑް މާޓިން ބްރެއިތްވެއިޓެވެ.

ކުއާޓަރ ފައިނަލުގައި ޑެންމާކް ކުޅެންޖެހޭނީ ރައުންޑް އޮފް 16 ގައި މިމަހުގެ 27 ވަނަ ދުވަހު ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކުން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

advertisement
Next: ޔޫރޯ 2020: އޮސްޓްރިއާ ބަލިކޮށް އިޓަލީ ކުއާޓަރ ފައިނަލަށް