ޔޫރޯ 2020: އޮސްޓްރިއާ ބަލިކޮށް އިޓަލީ ކުއާޓަރ ފައިނަލަށް

advertisement

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ދެވަނަ މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

އިޓަލީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިމިވަނީ އިިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި އޮސްޓްރިއާއި ބައްދަލުކޮށް ކުޅުނު މެޗްގެ ފުރިހަމަވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާތީ ކުޅުނު އިތުރުވަގުތުގެ ދެހާފުގެ ތެރޭގައި ދެލަނޑު 1 ލަނޑުން އޮސްޓްރިއާ ބަލިކުރުމަށްފަހުގައެވެ.

މެޗުގެ ފުރިހަމަ 90 މިނެޓުގެ ތެރޭގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ އެހެންނަމަވެސް ވަރަށް ވާދަވެރި މޮޅު ކުޅުމެކެވެ.

ފޯރިގަދަ މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު އިޓަލީން ކާމިޔާބުކުރީ އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފެޑެރިކޯ ކިއޭސާ އެވެ. އަދި އިޓަލީން ލީޑު ފުޅާކުރީ އޭގެ ދިހަ މިނެޓުފަހުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޓިއޯ ޕެސީނާ އެވެ.

އޮސްޓްރިއާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ އިތުރުވަގުތުގެ ދެވަނަ ހާފުގެ 9 ވަނަ މިނެޓުގައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަސާ ކަލަޖިޗް އެވެ. މިއީ އިޓަލީން އެންމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން ބައިކޮޅަށް ވަން ފުރަތަމަ ލަނޑުވެސް މެއެވެ

އޮސްޓްރިއާ ބަލިކޮށް އިޓަލީން ކުއާޓަރ ފައިނަލުން ޖާގަ ހޯދިއިރު އެޓީމު ރައުންޑް އޮފް 16 އިން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލލިނުވެ ބައިކޮޅަށް ލަނޑެއްވެސް ނުވަދެއެވެ. އަދި އެޓީމު މިހާތަނަށް ކުޅުނު 27 މެޗުގައި ބަލިވެފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

އިޓަލީން ކުއާޓަރ ފައިނަލުގައި ވާދަކުރަން ޖެހޭނީ ރައުންޑް އޮފް 16 ގައި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ދުނިޔޭގެ ފުޓުބޯޅައިގެ ރޭންކިންގެ އެއްވަނަ ޓީމު ކަމުގައިވާ ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

advertisement
Next: ޔޫރޯ 2020: ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓަރ އަށް