އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ އެ ހޮސްޕިޓަލުގައި “ހެލްޕާސް”ގެ ގޮތުގައި އެކި ޑިޕާޓުމެންޓްތަކުގައި މަސައްކަތް ކުރަމުން އަންނަ 12 ބިދޭސީން ކަމަށެވެ.

އެމީހުންނަކީ ހުޅުމާލޭގައި ހުންނަ އެ ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މުވައްޒަފުން ކަމަށާއި އެ ބްލޮކުގައި ޖުމްލަ 40 މުވައްޒަފަކު ދިރިއުޅޭ ކަމަށް އަފްއާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ އެމީހުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށާއި ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރެވި، ދެންތިބި މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވަނީ ނޭޕާލާއި ބަންގުލަދޭޝްގެ މުވައްޒަފުން ކަމަށާއި އެމީހުންނަށް ބަލި ޖެހުނީ އޭޑީކޭ ހޮސްޕިޓަލުން ނޫން ކަމަށް ބެލެވޭ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.

 

Next: ރާއްޖޭގެ ހުރިހާ ރަށަކުވެސް މާސްކު އަޅައިގެން އުޅެން އަންގައިފި