މާލޭގައި ކުއްޔަށް ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުން ކުލި ނުދެއްކި މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރަކުރުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ގޮވާލައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު އީސަ ވިދާޅުވީ ހާލުގައި ޖެހި މަގުމަތިވެ އާއިލާ ނުބެލޭ ހިސާބަށް ދިޔުމުގެ ކުރިން ފަރުދީ ޒިންމާ ނަގަންޖެހޭކަމަށެވެ. އަދި ދިރިއުޅުމުގައި ލިބޭ އާމްދަނީއާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު ކަންކަން ދޫކޮށްލުމަށް އީސަ ގޮވާލެއްވިއެވެ.
އީސަ ވިދާޅުވީ މާލޭގައި ކުއްޔަށް އުޅެވޭނެކަމުގެ ޔަގީންކަން ނެތްނަމަ ކުއްޔަށް އުޅޭތަން ދޫކޮށް ރަށަށް ދިޔުމަށް ގޮވާލާކަމަށެވެ.
މާލޭގައި ގެދޮރު ކުއްޔަށްދޭ ފަރާތްތަކުން ކުލި އަގުހެޔޮ ކުރިނަމަވެސް ކުއްޔަށް އުޅޭ ފަރާތްތަކަށް ދަތިތަކެއް ހުރިކަން އީސަގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި އެންމެ ބޮޑަށް އަސަރުކުރަނީ މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށެވެ. ވަޒީފާތައް މަދުވެ، މުސާރަތައް ކުޑަކުރަމުންދާއިރު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ގިނަ ރައްޔިތުން ވަނީ އުދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.