ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން ބާޠިލްކޮށްފި

މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި  އައްޑޫ ސިޓީ ކައުންސިލުން، އެ ސިޓީގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން ބާޠިލްކޮށްފިއެވެ.   އައްޑޫ ސިޓީގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން ބާޠިލްކޮށް ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، އާންމު ޙިދުމަތްދޭ ތަންތަނުން، ޚިދުމަތްދޭ ގަޑިތަކަށް ގެނައި ބަދަލަކީ، އެޗްޕީއޭއިން އެކުލަވާލާފައިވާ އައްޑޫ ކޮވިޑް-19 ޓާސްކްފޯސްގެ ލަފާގެ މަތިން ގެނައި ބަދަލެއް ކަމަށެވެ. ނަމަވެސް ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިފަދަ ފިޔަވަޅެއް އަޅާނެ ހާލަތެއް ނެތްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވާތީ އައްޑޫސިޓީ ކައުންސިލުން  ކުރިން ކުރި އިއުލާން ބާތިލު ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ފަހުން ކޮށްފައިވާ އިއުލާނުގައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ޙާލަތަށް ރުޖޫޢަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޙީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ހިދުމަތްދޭ ތަންތަނުން ހެނދުނު 06:00 އިން 18:00 އާއި ދެމެދު ޚިދުމަތް ދިނުމަށް އިސްކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިން ވަނީ އެ ސިޓީގެ ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން 26 މާރޗް 2020 ވަނަ ދުވަހުން ފެށިގެން ހުޅުވާފައި ހުންނަ ގަޑި ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ބަދަލުކޮށްފައެވެ. ނަމަވެސް މި އިއުލާން ބާޠިލުކޮށް ދުވާލުގަޑީގައި ވިޔަފާރި ކުރުމަށް އިސްކަންދިނުމަށް ސިޓީ ކައުންސިލުން އިއްޔެ ހަވީރު ކުރެއްވި އިއުލާނުގައި އެދިފައެވެ.

Next: ކޮވިޑް-19: އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮސިޓިވް ވެއްޖެ