ރާއްޖެއިން ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލިފަހުންކަމަށް ނޭޝަނަލް އެމެޖެންސީ ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިދެމީހުންނަކީ ރާއްޖެއައި އިޓަލީގެ ސަފާރީއެއްކަށްވާ އައިލެންޑް ސަފާރީގައި ތިބި ދެމީހެއްކަމަށެވެ. މިމީހުންނާމެދު އެޗްޕީއޭއިން ޢަމަލުކޮށްފައިވަނީ ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުންވެސް މިކަމުގައި ޢަމަލުކުރަމުންދާ އުސޫލުުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސަފާރީގައި ތިބި މީހުންގެ ތެރެއިން ފުރައިގެންދިޔަ އެންމެންގެވެސް ޓެސްޓްކޮށްފައި ވާކަމަށާ، އޭގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.
އައިލެންޑް ސަފާރީގައި ތިބީ ޖުމުލަ 32 މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ގެސްޓުންނާއި، 16 ކްރޫއިންކަމަށާ، އެއީ 10 ބިދޭސީންނާއި، 6 ދިވެހިންނެވެ.
ރާއްޖެއިން ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުމުގެ ކުރިންވެސް މިސަފާރީން 2 މީހަކު ޕޮޒިޓިވްވެ މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އެދެމީހުން އައިސޮލޭޓްކޮށް ފަރުކޮޅު ފުށީފައި ދަނީ ފަރުވާދެމުންނެވެ.
މަބްރޫކު ވިދާޅުވީ ރާއްޖޭގައި ތިބި އިޓަލީގެ ރައްޔިތުން ގެންދިއުމަށް އެޤައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ފްލައިޓްގައި ވަނީ 352 މީހަކު ފުރާފައިވާކަމަށެވެ. އޭގެ ތެރޭގައި އައިލެންޑް ސަފާރީގައި ތިބި 12 ޓްވަރިސްޓަކާއި، 3 ކްރޫއެއް ފުރާފައިވާކަމަށާ އަދި ބަކީ ތިބި މީހުންގެ ތެރެއިން އައިލެންޑް ސަފާރީގެ 2 ކެޕްޓަނުން ފިޔަވައި އެންމެ ތިބީ ވިލިވަރުގައި އައިސޮލޭޓް ކުރެވިފައިވަކަމަށެވެ. ނަމަވެސް މިމީހުންވެސް ވަރަށް އަވަހަށް ފުރުމަށް ހަމަޖެހިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.