ހުޅުދޫ ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި މިހާރު ކުރިއަށްދަނީ ހުޅުދޫގެ އެންމެ ކާރުބާރު ބޮޑު މަގުގައި ކަމަށްވާ ބަހާއުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތެވެ.
މިގޮތުން ހުޅުދޫ ބަހާއުއްދީންމަގުގެ އުތުރުކޮޅުން ފަށައިގެން ހުޅުދޫ މަސްޖިދުލް ވަހުދާއާއި ހަމައަށް ތާރުއަޅައި ނިންމާފައިވާއިރު ތާރުއަޅައި ނިމުނު މިސަރަހައްދު އާއްމުންނަށް ދުއްވޭގޮތައް މިހާރުވަނީ ހުޅުވާލާފައެވެ.
އަދި މީގެ އިތުރަށް ވަހުދާ މިސްކިދުން ފަށައިގެން ހުޅުދޫ ހޭޒްލީންއާއި ހަމައަށް ތާރުއެޅުމަކަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ.
ހުޅުދޫއާއި މީދޫގެ ބަހާއުއްދީންމަގު ހެދުމުގެ މަޝްރޫއަކީ ތިރީސް ދެމިލިއަންރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް އެމްޓީސީއާއި ހަވާލްކޮށްފައިވަނީ 240 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫގެ ދަށުން މިމަގުގެ ދެކިލޯ މީޓަރަށްވުރެ ދިގު ސަރަހައްދެއްގައި ރަގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށްވަނީ ނިންމާފައެވެ.
މީގެ އިތުރުން މިމަޝްރޫގެ ދަށުން މިމަގުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް ނަގައި އަލުން މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިމަގު ހަދަމުންދާއިރު ފެންހިންދާ ނިޒާމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.