ކުށުގެ ވެށިން ސަލާމަތް ކުރެވިފައިވާ ޒުވާނުންތަކެއް އުފެއްދުމަށް ކުރަންޖެހޭ ހުރިހާ ހަރުފަތްތަކެއް ބިނާކުރަން ތައްޔާރަށް ހުންނެވިކަމަށް މީދޫ ދާއިރާގެ ކައުންސިލްގެ މަގާމަށް އެމްޑީޕީން ވާދަކުރައްވާ ޝޫޒާ ވިދާޅުވެއްޖެވެ.
މީދޫގައި ބޭއްވި އެމްޑީޕީ “ރަށްވެހި ފަތިސް” ޖަލްސާގައި ވާހަަކަ ދައްކަވަމުން ޝޫޒާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ބާރުތައް މަރުކަޒީ ކުރުމުގެ ސިޔާސަތު ގެންގުޅުނަމަވެސް އަދު ސަރުކާރުން އެ ކަންކަން އިސްލާހުކޮށް ކައުންސިލުތަކަށް ބާރުތައް ދީފައިވާތީ ކައުންސިލަރުގެ މަގާމަށް ހޮވިއްޖެނަމަ ކުށުގެ ވެށިން ޒުވާނުން ސަލާމަތްކޮށް ބިނާުކުރަނިވި ޒުވާނުންތަކެއް އުފެއްދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކަމާބެހޭ ފަރާތްތަކާއިގުޅިގެން ކުރައްވާނެކަމަށެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝޫޒާ އިތުރަށް ވިދާޅުވީ ރަށްވެހިކަން ހިންގުމުގެ ސިޔާސަތުތަކަށް އެދެވޭ ބަދަލެއް ގެނެވޭނީ އަންހެނުން ބާރުކުރުވައިގެންކަމަށާ އަންހެނުންގެ ބައިވެރިވުމާއިއެކު މެނުވީ ރަށްވެހިކަން ހިންގުމުގެ ސިޔާސަތުތަކަށް އެދެވޭ ބަދަލެއް ނުގެނެވޭކަމަށެވެ. އަދި މީގެ އިތުރަށް ސިއްހަތާއި ތައުލީމީ ދާއިރާގެ ސިޔާސަތުތައް ފުރިހަމަވެ ގެވެށި ކުށްތަކަށް ހައްލު ހޯދޭނެގޮތަކީވެސް އަންހެނުން ބާރުވެރިކުރުވައިގެންކަމަށް ޝޫޒާ ވިދާޅުވިއެވެ.
” އަޅުގަޑުގެ އެދުމަކީ ތިޔަބޭފުޅުން އަންނަން އޮތް ޖީލުގެ ހައްގުގައި ތިލަފަތަށް ފާހަގަ ޖައްސަވައި ދެއްވުން ، އެއީ ހަގީގީ ބަދަލެއް އަންހެނުންނަށް ގެނެސްދިނީ އެމްޑީޕީ ސަރުކާރުންކަމަށްވާތީ ، އަދި އަންހެނުންނަށް ވޯޓް ދޭންވީ ސިޔާސީ މައިދާނުގައި ރަށްތައް ތަރައްގީކުރުމުގެ މަސައްކަތުގައި ވަކިފިރިހެނަކަށް ދޫނުކުރާނެ ބަޔަކަށް އަންހެނުން ވާތީ ، ކަޅު އަދިރިރޭރޭ ކިތަންމެ ދިގުލައިގެން ދިޔަކަމުގައިވިޔަސް އާދުވަހަކަށް އަލިވެލޭނެ، އިރާދަ ކުރެއްވިއްޔާ މިއިންތިޚާބް އަޅުގަޑުމެން ކާމިޔާބުކުރާނީ އެކުއެކީ މުޅި ދިވެހިރާއްޖެ ރަންރީދޫން ޖަރީކުރަމުން ، ” މީދޫގައި ބޭއްވި އެމްޑީޕީ “ރަށްވެހި ފަތިސް” ޖަލްސާގައި ވާހަަކަ ދައްކަވަމުން ޝޫޒާ ވިދާޅުވިއެވެ.