advertisement
އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުން ކުރާ ސްލޯގަން “ރަށްވެހި ފަތިސް” މިނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް މިއަދު ހެނދު މުޅި ރާއްޖޭގައި ފަށައިފިއެވެ.
މިގޮތުން މިހަރަކާތް އައްޑޫސިޓީ ހުޅުދޫގައިވެސް މިއަދު ހެނދުވަނީ ފަށާފައެވެ. ހުޅުދޫގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް މިއަދު ހެނދު ފެށުމުގެ ރަސްމިއްޔާތުގައި ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އިލްޔާސް ލަބީބުގެ އިތުރުން ޕޯސްޓަރު ހަރުކުރުމުގެ މިރަސްމިއްޔާތުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ފައިޒްއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ދުސޫމާއާއި މިރުފާގެ އިތުރަށް ގިނަ އަދަދެއްގެ ހުޅުދޫގެ ރަށްޔިތުން ބައިވެރިވެފައިވެއެވެ.
އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ރަސްމިއްޔާތު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ މުހިންމު މަގްސަދުތަކެއް ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ބާރުތަކެއް ދީފައި ހުރުމުން ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.
” ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް. ވީމާ އަޅުގަނޑުމެންނަށް ގަބޫލު ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓުން މިކަމަށް ބަރާބަރަށް ތައްޔާރަށް ތިބި ކަމަށް،” ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދާއި މަޖިލިހުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ހަރަކާތުގައި ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.