“ކޯސްޓަލް ކްލީންއަޕް ޑޭ” ގެ ހަރަކާތް މީދޫގައި ކުރިއަށް ގެންގޮސްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ “ކޯސްޓަލް ކްލީންއަޕް ޑޭ” ގެ ހަރަކާތް އިއްޔެ މީދޫގައިވެސް ކުރިއަށް ގެންގޮސްފިއެވެ.

ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން މިހަރަކާތް މީދޫގައި  ކުރިއަށްގެންގޮސްފައި ވަނީ ހުޅުދޫއާއި މީދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކާ އަދި ސްކޫލްތަކާއި  ކްލަބް ޖަމާއަތްތަކާއި ގުޅިގެންނެވެ. މިގޮތުން ސަރުކާރުގެ މުވައްސަސާތަކުގެ ވަރަށްގިނަ އަދަދެއްގެ މުވައްޒަފުންނާއި ސްކޫލްތަކުގެ ދަރިވަރުން އަދި އާމުންގެ ގިނައަދަދެއްގެ މީހުން މިހަރަކާތުގައި ބައިވެރިވެފައިވެއެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ހިންގޭ ހަރަކާތް ތަކުގައި ނެގޭ ކުނިބުނީގެ ބައިތައް ވަކިކޮށް ޖަމާކުރެވުނު ކުނިބުނީގެ މިންވަރު ދެނެގަތުމަށްފަހު އެކަން އެންވަޔަރު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށް އެ އެޖެންސީން އިލްތިމާސް ކޮށްފައިވަތީ އިއްޔެ ނެގުނު ކުނީފަތްސީލް ނަލަފެހި ޖަމްއިއްޔާއިން ކަމާއިބެހޭފަރާތްތްރަކަށް އެންގުމަށް ވަނީ ހަމަޖެހިފައެވެ.

މީދޫ ގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މީދޫގެ އުތުރުފަތާރުގެ ގޮނޑު ދޮށުން ކަނޑައެޅިފައިވާ  ސަރަހައްދުތައް ސާފް ކުރާގޮތަށެވެ. މިގޮތުން ސާފްކުރި ސަރަހައްދުތަކުން  662  ކިލޯގެ ކުނިވަނީ ނަގާފައެވެ.

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރުމުގެ މަޤްޞަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދާއި ވަށައިގެންވާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެމައްޗަށް ޢާންމުން ހޭލުންތެރި ކުރުވުންކަމަށް އީޕީއޭއިން ވިދާޅުވެއެވެ. ކޮންމެ އަހަރެއްގައިވެސް ކޯސްޓަލް ކްލީން އަޕްޑޭ ފާހަގަކުރުމަށް ހިންގާ މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ ކުނި ނަގާކަން ފާހަގަކުރެވެއެވެ.

Next: އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި