އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ.

މީދޫ ރާފަޅާ ސަރަހައްދުގައި އިއްޔެ ހަވީރު ކުރިއަށްގެންދެވުނު  މި ހަރަކާތްތަކުގައިވަނީ ސިއްޙަތާގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ޢުމުރުން ދުވަސްވުމާގުޅިގެން ކެއިން ބުއިމުގައި އިސްކަންދޭންވީ ކަންކަމާއި ހެލިފެލިވެއުޅުމާއި ކަސްރަތުކުރުމާއިބެހޭގޮތުން މައުލޫމާތުދީފައިވެއެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދެވުނު މިހަރަކާތުގައި ބައިވެރިވި އުމުރުން ދުވަސްވީ މީހުންނާއެކު އެމީހުންނަށް އުފާވެރި ވަގުތެއް ދިނުމަށްޓަކައި ހެލިފެލިވެ އުޅުމާއިބެހޭގޮތުން ކުރިއަށް  ގެންދުވުނު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި މީގެ އިތުރަށް  މި ދުވަސް ފާހަގަކުރުމަށްޓަކައި ހެލްތް ސްކްރީނިން ޕްރޮގްރާމެއްވެސް އިއްޔެވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން   55 އަހަރުން މަތީ މީހުންގެ ސިއްޙަތާގުޅޭ ތަފާތު ޓެސްޓްތައްވަނީ ހަދާފައެވެ. އެގޮތުން ބަރުދަން ބެލުމާއި ލޭގެ ޕްރެޝަރު ބެލުމާއި ހަކުރު ޓެސްޓް ކުރުންފަދަ ކަންކަން ހިމެނެއެވެ.

ކޮންމެ އަހަރަކުވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އިއްޔެ މީދޫގައި ފާހަގަކުރެވުނު އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ ހިތުގެ ދުވާއިވެސް ގުޅިވައިގެންކަން ފާހަގަކޮށްލަންޖެހެއެވެ.

Next: ފޮޓޯ: އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުން