ގޭބިސީތަކަށް ބަހާ ލެޑް ބޮކިތައް ޔުޓިލިޓީ ކުންފުނިތަކާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، އެމަސައްކަތް ކުރުމަށްޓަކައި ލެޑްބޮކިތައް ޔުޓިލިޓީ ކުންފުނިތަކާއި މިއަދު ޙަވާލުކޮށްފިއެވެ.

މި ބޮކިތައް ހަވާލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ  ޕްރައިވެޓް ލިމިޓެޑާއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 2 ލެޑް ބޮކި ދޫކުރެވޭނެ ކަމަށެވެ.

މިއަދު ލެޑް ބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ދެއްކެވި ވާހަކަފުޅުގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި ހަކަތަ ސަމަކާރަ ތަކެތި ގަތުމަށާއި، އާއްމު ދިރިއުޅުމުގައި ހަކަތައިގެ އިސްރާފުކުޑަވާނެ ގޮތަކަށް އާދަތައްބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހަކަތަ އިޤްތިސާދުކުރުމަށްޓަކައި ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ބިލްޑިންގ ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމުތައް ހިންގަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި ކަރަންޓު ހަރަދު ކުޑަ ލެޑް ބޮކިތަކެކެވެ.200,000  ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެއެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2,400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓެވެ.

Next: ހިތަދޫއިންނެގި ރުށްތައް އެހެން ތަނެއްގައި އިންދަން ޖެހޭނެ: އީޕީއޭ