އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއަތުން މެންޗެސްޓަރ ޔުނައިޓެޑުން ތަފާތު ބޮޑުކޮށް ބަލިވެއްޖެވެ.
އެވަޓަންގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗުން އެވަޓަންއިން ޔުނައިޓެޑް ބަލިކުރީ 4-0 ގެ ނަތިޖާއަކުންނެވެ.
މިމެޗުގައި އެވަޓަންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 13 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ރިޗާލިސަންއެވެ.
އެވަޓަންގެ ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިގަޑްސަން އެވެ. ސިގަޑްސަން މި ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން އެވަޓަން ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުންފައިގެން މެޗުގެ 56 ވަނަ މިނެޓުގައި އެވަޓަންގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރ ލުކަސް ޑީން އެވެ. އެވަޓަންގެ 4 ވަނަ ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓް އެވެ.
މިއީ މީ ރަށުންބޭރުގައި ޔުނައިޓެޑު ކުޅުނު މެޗުތަކުން ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗުކަން ފާހަގަކޮށްލަންޖެހެއެވެ.
އަދި މީގެ އިތުރަށް އެވަޓަންގެ ތާރީހުގައި 1984 ވަނަ އަހަރުގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑު އަތުން ބޮޑު ތަފާތަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2016 ވަނަ އަހަރު ޗެލްސީ އަތުން 4-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު މެންޗެސްޓަރ ޔުނައިޓެޑް މިހާބޮޑުތަފާތަކުން ބަލިވި އެންމެ ބޮޑު ބައްޔެވެ.
ރޭގެމިމެޗުން އެވަޓަން އަތުން ބޮޑު ތަފާތަކުން މެންޗެސްޓަރ ބަލިވުމުގެ ސަބަބުން ލީގުގެ ފަސްވަނައަށް ޖެހިލަން އެޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިއްޖެއެވެ
މި މެޗުގައި އެވަޓަންގެ ކުޅުންތެރީންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. ހާއްސަކޮށް އެ ޓީމުގެ ސިގަޑްސަން އާއި ތިއޯ ވޮލްކޮޓްގެ ކުޅުން ފާހަގަކޮށްލެވެއެވެ. މިމެޗުގައި އެވަޓަންއިން 4 ލަނޑު ކާމިޔާބުކޮށްފައިވާއިރު މީގެއިތުރަށްވެސް އެ ޓީމަށް ވަނީ ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. އެއާއި ހިލާފަށް މެންޗެސްޓަރ ޔުނައިޓެޑުގެ ފަރާތުން މި މެޗުގައި ފެނުނީ ދަށް ކުޅުމެކެވެ.