މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި އަތޮޅުމަދަރުސާޓީމް ކުޅުނު ދެވަނަމެޗުން ބަލިވެއްޖެވެ.
މިމަހުގެ 12 ވީ ހުކުރު ދުވަހުގެ ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ޝަރަފުއްދީން ސްކޫލްގެ ޓީމާ ދެކޮޅަށް ކުޅެ އަތޮޅުމަދަރުސާގެ ޓީމު ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.
އަތޮޅުމަދަރުސާޓީމް ހިމެނޭ ގުރޫޕްގެ އެންމެ ވަރުގަދަ އެއްޓީމުކަމުގައި ބެލެވޭ ޝަރަފުއްދީންސްކޫލްގެ ޓީމާ ދެކޮޅަށް ކުޅުނު މިމެޗުގެ ކުޅުން ފެށުމާއެކު ޝަރަފުއްދީން ސްކޫލްގެ ޓީމުން ވަނީ ލަނޑުޖަހާ މެޗްގެ ލީޑެއް ހޯދާފަ އެވެ.
މެޗްގެ 5 ވަނަ މިނިޓްގައި ޝަރަފުއްދީންސްކޫލުން ކާމިޔާބުކުރި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މާހިލްއެވެ.
މިމެޗްގައި އަތޮޅުމަދަރުސާޓީމުން ނަތީޖާ ހަމަހަމަކުރި ލަނޑު 29 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އުއްމީދީ ކުޅުންތެރިޔާ ސަހާފްއެވެ. މިލަނޑަކީ ޝަރަފުއްދީންޓީމުގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ސަހާފް ފޮނުވާލި ބޯޅައެއް ޝަރަފުއްދީންގެ ކީޕަރު އަތުގައި ޖެހިފައި ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.
މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުންވެސް ޝަރަފުއްދީން ސްކޫލް ފަށާފައިވަނީ އެޓީމުގެ ކުޅުން ވަރަށްބޮޑުތަން ރަގަޅުކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗްގެ 36 ވަނަ މިނިޓްގައި އެޓީމުންވަނީ 2 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އާލަމް ނަސީމެވެ. އަދި މެޗްގެ 48 ވަނަ މިނިޓްގައި ޝަރަފުއްދީންޓީމުން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާގެ ފަރަޤު ވަނީ ބޮޑުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު މައިސަން ޝަނީޒްއެވެ.
2 ލަނޑުގެ ލީޑެއް ޝަރަފުއްދީންޓީމުން ހޯދުމުން ނަތީޖާ ހަމަހަމަކުރުމަށް އަތޮޅު މަދަރުސާޓީމުން ކުރަމުންދިޔަ މަސައްކތުގެ ތެރެއިން އެޓީމުގެ ދެވަނަ ލަނޑު 55 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކު ކާމިޔާބުކޮށްދިނީވެސް އެޓީމުގެ އުއްމީދީ ކުޅުންތެރިޔާ ސަހާފެވެ.
މިމެޗް ނިމިގެންދިޔައީ އަތޮޅުމަދަރުސާ ޓީމުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުން ދިޔަ ބުރަ މަސައްކަތް ނާކާމިޔާބުވެ 3 ލަނޑު 2 ލަނޑުން އަތޮޅުމަދަރުސާޓީމް ބަލިވެގެންނެވެ.
“މެދުތެރެއާއި ޑިފެންސް އެހާ އޮގަނައިޒްއެއް ނޫން. އެކަމަކު މި ނަތީޖާއަށްވުރެ ރަގަޅު ނަތީޖާއެއް އަތޮޅުމަދަރުސާޓީމަށް މިމެޗްގައި ހޯދެންޖެހޭ ، ކުރިއަށްހުރި މެޗްތަކުން ރަނގަޅު ނަތީޖާއެއް ނުހޯދިއްޖެނަމަ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނުލިބޭނެ ، އުއްމީދުކުރަން ރަގަޅު ނަތީޖާއެއް ހޯދޭކަހަލަ ގޮތަކަށްޓީމް އެކުލަވާލެވިގެން ރަގަޅު ނަތީޖާއެއް ހޯދޭނެކަމަށް ” މިމެޗް ބެއްލެވުމަށް ވަޑައިގެންނެވި ފުޓްބޯޅަދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ މީދޫ ބޭފުޅަކު ވިދާޅުވިއެވެ.