ޚިޔާނާތުގެ ފައިސާ މިލިއަން ޑޮލަރުން ވަން އަދީބުގެ ކުންފުނީގެ ނަން ރިޕޯޓަކު ނެތް – ނިޔާޒު

Advertisement

ކުރީގެ ނާއިބު ރައީސް އަދީބު ހިއްސާ އޮންނަ މޮންޓިލިއޯން ނަމަކަށް ކިޔާ ކުންފުންޏަށް  އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާކަމަށާ އެހެން ނަމަވެސް އޭސީސީން ނެރުނު އެމްއެމްޕީއާރްސީ ތަޙްޤީޤު ރިޕޯޓްގައި އެ ކުންފުނީގެ ނަން ހިމަނާފައިނުވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވީ، 2011 ވަނަ އަހަރު ޓްރޭޑް މިނިސްޓްރީއަށް މޮންޓިލިއޯން ކުންފުނިން ހުށަހެޅި ސްޓޭޓްމަންޓްތަކަށް ބަލާއިރު މުޅި ކުންފުނީގެ ޢާމްދަނީއަށް ވަދެފައިވަނީ 70 ހާސް ރުފިޔާ ކަމަށެވެ. އަދި 2012 ވަނަ އަހަރު އެއްވެސް ޢާމްދަނީއެއް އެ ކުންފުންޏަށް ލިބިފައި ހުރިކަމަށް ރިޕޯޓްތަކުން ނުދައްކާމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އަޙްމަދު އަދީބު 2012 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރަކަށް ޢައްޔަންކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 110 މިލިއަނެއްހާ ރުފިޔާ އެކުންފުންނަށް އެކި ގޮތްގޮތުން ވަދެފައިވާކަމަށް ނިޔާޒް ތުހުމަތުކުރެއްވިއެވެ. އޭގެތެރެއިން އެއްބައި ފައިސާއަކީ ރާއްޖޭގެ ރަށްތައް ދޫކޮށްގެން ލިބިފައިވާ ފައިސާކަން ކަނޑައެޅިގެން އެނގެން އެބައޮތްކަމަށް ނިޔާޒް ވިދާޅުވިއެވެ.

“މިސާލަކަށް ދ.މާގައުގެ ވާހަކަ އޮންނާނެ އޮޑިޓް ރިޕޯޓްގައި. އެ ރަށް ތަރައްޤިކުރަން އެބޭފުޅުން ހަވާލުކުރި ނިއުމޫޑްސް ނަމަކަށްކިޔާ ކުންފުންޏަށް 1 މިލިއަން ޑޮލަރު އަދި އެކުންފުނީގެ ހިއްސާދާރު އިޓަލީގެ ރައްޔިތެއް 2.5 މިލިއަން ޑޮލަރު މިހެން ގޮސް ކުރު މުއްދަތެއްގެ ތެރޭގައި މޮންޓިލިއޯން ކުންފުންޏަށް އެކަނިވެސް 110 މިލިއަން ރުފިޔާ ދިވެހި ފައިސާއިން ވަދެފަ މި ފައިސާ އެކި ފަރާތްތަކަށް ޗެނަލް ކޮށްފައި ހުއްޓޭ. މި މަޢުލޫމާތު އޭސީސީގެ ރިޕޯޓް ފެނިފައިނުވޭ.” ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިލޭނިއަމް ކެޕިޓަލް ކުންފުނީގެ ތެރެއިންވެސް އެތައް މިލިއަން ރުފިޔާއެއްގެ މުޢާމަލާތް ކޮށްފައި ހުރިކަން އެނގެން އެބަހުރިކަމަށާއި ނަމަވެސް އެކަންކަން އޭސީސީގެ ރިޕޯޓްގައި ހާމަކޮށްފައި ނުވާކަމަށް ނިޔާޒް ވިދާޅުވިއެވެ. ކުރީގެ އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އޭސީސީގެ ރިޕޯޓްގައި ވަނީ އެސްއޯއެފް ކުންފުނީގެ ތެރެއިން އެހެން ކުންފުނިތަކަށް ޓްރާންސްފާކުރި ޓްރާންސްސެކްޝަންތަކުގެ މަޢޫލޫމާތު ކަމަށެވެ. އެއީ ހަޤީޤީ މަންޒަރު ނޫންކަމަށާއި، އެސްއޯއެފްގެ ތެރެއިން ޓްރާސްފާކުރެވުނު ޢަދަދަކީ ލިޔެކިއުންތަކުން ފެންނަން އޮތް ޢަދަދުތައް އެކަނި ނިޔާޒު ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ނާއިބު ރައީސް އަދީބު ޓުރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަންކުރުމުގެ ކުރިން އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއިން ހިއްސާ އޮތް މޮންޓިލިއޯން ކުންފުންޏަށް އެތައް މިލިއަން ރުފިޔާއެއް ވަދެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. އެ ފައިސާގެ ވާހަކަ އޮޑިޓްގައި ބުނެފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެފައިސާ ލިބުނު މެންބަރުންގެ ތެރޭގައި މިހާރުގެ މަޖިލިސް މެންބަރުންނާއި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްވެސް ހިމެނޭކަމަށާއި، އެފަރާތްތަކަށް މޮންޓިލިއޯން އަދި މިލޭނިއަމް ކެޕިޓަލް މެދުވެރިކޮށް ޗެނަލްކުރި ފައިސާގެ ވާހަކަ އޭސީސީގެ ރިޕޯޓްގައި އެއްވެސްވަރަކަށް ހާމަކޮށްފައި ނުވާތީ ނިޔާޒު ވަނީ ކަންބޮޑުވުން ފާޅުކޮށް އޭސީސީއަށް ފާޑު ވިދާޅުވެފައެވެ. ޚިޔާނާތުގެ ރިޕޯޓެއް އެކުލަވާލާއިރު އެ ޚިޔާނާތްތަކާއި ގުޅޭ ފުރިހަމަ ރިޕޯޓެއް ނެރުއްވަން ޖެހޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

“އަނެއްކާވެސް ސިޔާސީ އޮއިވަރަށ ބައްލަވާފައި އެއްބައި ބާއްވާފަ އަނެއްބައި ނެރުނީބާއެއް އަޅުގަނޑު ހިތަށްއަރަނީ” ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ދުރާލާ ރޭވިގެން ހިންގި އަމަލެއްކަމަށާއި، އެ ޚިޔާނާތުގެ ވާހަކަ އެއިރުގެ ރައީސް ޔާމީނާ ހިއްސާކުރުމުން ދެއްވީ ވަރަށް ދެރަވަރު ޖަވާބެއް ކަމަށެވެ. އެއީ ޒިންމާދާރު މަޤާމެއްގައި ހުންނެވި ބޭފުޅަކު ދެއްވައިގެންވާނެ ޖަވާބެއްނޫންކަމަށް ނިޔާޒް ވިދާޅުވިއެވެ. އެދުވަހު އެ ކަންތައް ސީރިއަސްކޮށް ނަންގަވާ އެކަންތަކުގައި ކިހާވަރެއްގެ ހަޤީޤަތެއް އޮތްތޯ ބެއްލެވިނަމަ ދައުލަތަށް އެހާބޮޑު ގެއްލުމެއް ނުލިބުނީސްކަމަށް ނިޔާޒް ވިދާޅުވިއެވެ.

“ފަޅުރަށްތައް ދޫކުރުން ކުރިން ހަމަޖެހިފައި އޮތްގޮތާއި، އެމަނިކުފާނު ވަޑައިގެން ތަރުތީބުކުރެއްވި ގޮތްވެސް ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ. އުސޫލެއްގޮތުން ޜާއްޖޭގެ ރަށެއް ޓޫރިޒަމް ބޭޏުމަށް ދޫކުރާކަމަށްވާނަ އެމަސައްކަތެއް ކުރިއަށް ގެންގޮސްފައި އޮތީ ސީދާ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން. ނަމަވެސް އެ ޒިންމާތައް އެތަންތަނުންނަންގަވާ އެމްއެމްޕީއާރުސީގެ ތެރެއަށް ވެއްދެވީ ސީދާ ޚުދު ރައީސުލްޖުމްހޫރިއްޔާ. ކޮންމެ ރަށެއް މިވެނި ފަރާތަކަށް ދޭނެ އަގު ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ. އެބޭފުޅާ އިސްކޯށް ހުންނަވައިގެން ޓޫރިޒމް މިނިސްޓަރާ ދެބޭފުޅުން ހިންގެވި ޖަރީމާއެއް މިއީ.” ނިޔާޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ލިޔެކިއުންތަކުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޢަދަދު 1.5 ބިލިއަން ރިފިޔާކަމަށް ދެއްކި ނަމަވެސް، އެ ޚިޔާނާތުގެ އަދަދު 3 ބިލިއަން ރުފިޔާއަށްވުރެ ކުޑަ ނުވާނެކަމަށެވެ.

މަސްދަރު: ޕީއެސްއެމް

Advertisement
Next: ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ސ. އަތޮޅުމަދަރުސާގައި ބާއްވައިފި