މަޙްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގައިފި

Advertisement

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާޙީމް ހޫދު ޕީއެސްއެމް ނިއުސްއަށް މިރޭ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ދެބޭފުޅުން ގޭގައި މަޑުކޮށްލައްވަން އެންގީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅޭގޮތުން ނެރުނު ރިޕޯޓާއި ގުޅިގެން ކަމަށެވެ. މަޙްލޫފާއި އަކްރަމް ގޭގައި މަޑުކޮށްލަން އެންގީ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީގު ނިމެންދެނެވެ. މަޙްލޫފު ގޭގައި މަޑުކޮށްލަން ބުނެފައިވަނީ މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން މިއަދު ޢާއްމުކުރި ރިޕޯޓުގައި ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

މަޙްލޫފުގެ އެކައުންޓަށް 33،000 ޑޮލަރު (539،700 ރުފިޔާ) ޖަމާކޮށްފައިވާއިރު އަކްރަމް ކަމާލުއްދީނުގެ 30،000 ޑޮލަރު (462،600 ރުފިޔާ) ވަނީ ޖަމާކޮށްފައެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން މަޙްލޫފު ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ މުއާމަލާތް ހިނގާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމުން، އެކަމާ ދޭތެރޭ ކުޑަވެސް ފަރުވާލެއް ބެހެއްޓިފައި ނެތް ކަމަށެވެ. އަދި އެމުއާމަލާތަކީ މަހްލޫފްގެ އާއިލާއިން ހިންގާ ފިހާރަ “ދަ ޖިންސް”ގެ ނަމުގައި ފިހާރައެއް ހިންގި ދުވަސްވަރު ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްޙަ ކަރަންސީ އެކްސްޗޭންޖްގެ މުޢާމަލާތެއް ކަމަށްވެސް މިނިސްޓަރ މަޙްލޫފުގެ ބަޔާނުގައިވެއެވެ. ޚިޔާނާތުގެ ފައިސާއާ ގުޅިގެން އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ވަން ފައިސާއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅެއްނުވެއެވެ.

Advertisement
Next: ފުވައްމުލަކު ވޮލީޓީމެއް މީދޫއަށް ޒިޔާރަތްކޮށްފި