ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ 5 ލަނޑު 0 ލަނޑުން ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައަށް ޖެހިލައިފިއެވެ.
ރޭ ލެވަންޓޭގެ ދަނޑުގައި ކުޅެވުނު މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށް މެސީ ހެޓްރިކް ހަދާފައިވާއިރު މިމެޗްގައި ބާސާއިން ދެންޖެހި ދެގޯލް ޖެހުމުގައިވެސް އެހީތެރިވެދީފައިވަނީ މެސީއެވެ.
ރޭގެ މެޗްގައި މެސީ ކާމިޔާބުކޮށްދިން ތިން ގޯލްގެ އިތުރަށް ބާސާއިން ކާމިޔާބުކޮށްފައިވާ އަނެއް ދެގޯލް ކާމިޔާބުކޮށްދީފައިވަނީ ސުއަރޭޒްއާއި ޖެރާޑް ޕީކޭ އެވެ.
ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު ސެވިއްޔާއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ބާސާއަށް ކުރި ލިބިފައިއޮތީ ލަނޑުގެ ތަފާތުންނެވެ.
އެހެންނަމަވެސް ރޭގެ މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ޖިރޯނާ އަތުން 2-0 އިން މޮޅުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް 16 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެ އަދަދަށް ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ ޕޮއިންޓް ހޯދައިފަ އެވެ. ރެއާލް މެޑްރިޑް ހަތަރެއްގައި އޮތީ 16 މެޗުން 29 ޕޮއިންޓާ އެކު އެވެ.