މީދޫ މުލިމަތި ޖަމްއިއްޔާއިން ކޮންމެ އަހަރަކު ކުރިއަށް ގެންދަން ނިންމާފައިވާ ފުޓްސަލް މުބާރާތް 3 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހު ފަށާގޮތައް ހަމަޖައްސާފައިވާކަމަށް މުލިމަތިން ހާމަކޮށްފިއެވެ. ޗެމްޕިއަންޓީމަކަށް 30،000 ( ތިރީސްހާސް ) ރުފިޔާ ރަނައަޕްޓީމަށް 15،000 ( ފަނަރަހާސް ) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ދަނޑުގައެވެ.
މިމުބާރާތުގައި 10 ޓީމެއް ބައިވެރި ކުރުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގައި ބައިވެރިވެވޭނީ އައްޑޫސިޓީގެ ޓީމްތަކަށާ މުލިމަތިން ދައުވަތުދޭ ރިސޯޓްތަކުގެ ޓީމްތަކަށާ ބައެއް މުވައްސަސާތަކުގެ ޓީމުތަކަށެވެ.
މިމުބާރާތުގައި ބައިވެރިކުރާ ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރުގެ 3 ކުޅުންތެރީން ހިމެނުމުގެ ފުތުސަތުވަނީ ދީފައިވާއިރު އެތިން ކުޅުންތެރީންނަށް އެއްފަހަރާ ކުޅުމުގެ ފުރުސަތު ލިބޭގޮތައްވަނީ ހަމަޖައްސާފައެވެ.
ދައުވަތު ދީގެން މިމުބާރާތުގައި ބައިވެރިވާ ރިސޯޓްތަކުގެ ޓީމްތަކާއި މުވައްސަސާތަކުގެ ޓީމްތަކުގައި ހިމެނޭނީ މަދުވެގެން 3 މަސްދުވަހު އެތަނެއްގައި ވަޒީފާ އަދާ ކުރަމުންދާ ކުޅުންތެރީންނަށެވެ. އަދި ރިސޯޓްތަކުގެ ޓީމްތަކާއި މުވައްސަސާތަކުގެ ޓީމްތަކުގައިވެސް ބޭރުގެ 3 ކުޅުންތެރީން ހިމެނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 2000 (ދެހާސް ) ރުފިޔާ ދައްކަންޖެހޭގޮތައް ހަމަޖައްސާފައިވާއިރު މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 ޑިސެމަބަރ 2018 އިން ފެށިގެން މުބާރާތުގައި ބައިވެރިވުމުގެ ފޯމް މުލިމަތި ޔުނައިޓެޑް ގެ އޮފީހުން ލިބޭނެކަމަށް މުލިމަތި ޖަމްއިއްޔާއިންވަނީ ހާމަކޮށްފައެވެ.
އަދި މިމުބާރާތާއިބެހޭ އެއްވެސް މައުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7933088 އަށް ގުޅުމުން މައުލޫމާތު ސާފްކޮށްދެވޭގޮތައްވެސް މުލިމަތިން ވަނީ ހަމަޖައްސަވާފައެވެ.
މިމުބާތާތުގައި ޓީމްތައް ބައިވެރިކުރާއިރު މީދޫއާއި ހުޅުދޫ ބެލުމަށް ހަމަޖަހިފައިވަނީ ދެރަށެއްގެ ގޮތުގައެވެ.