އަމީރު އަޙްމަދު މަގުގެ ބަންދުކޮށްފައިވާ ބައި ހުޅުވާލުމުގެ މަސައްކަތް ފަށައިފި

އިސްލާމީ މަރުކަޒާ އިންވެގެންއޮންނަ އަމީރު އަޙްމަދު މަގު އަންނަ ހަފްތާގެތެރޭގައި، އުޅަނދުތައް ދުއްވޭގޮތަށް ހުޅުވާލާނެކަމަށް ޓްރާންސްޕޯޓް މިނިސްޓރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒާ އިންވެގެން، އަމީރު އަޙްމަދު މަގުގައި ޖަހާފައިވާ މަރބްލްތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މާރބުލްތައް ނަގައި މަގު އެއްވަރުކޮށް އެއްގަމު އުޅަނދު ދުއްވޭގޮތަށް ހެދުމަށްޓަކައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.މި މަސައްކަތް ކުރަމުންދަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި، ހައުސިންގ މިނިސްޓްރީ ގުޅިގެންނެވެ. ޓްރާނސްޕޯޓް މިނިސްޓްރީންވަނީ މާލޭގެ ބަންދުކޮށްފައިވާ މަގުތައް ބަލައި، ޢާއްކޮށް ހުޅުވާލެވޭގޮތަށް ހުރި މަގުތައް ހުޅުވާލާނެކަމަށް ބުނެފައެވެ.

މީގެ އިތުރުން މެދުޒިޔާރަތްމަގު މަރބުލްޖަހާފައިވާ ސަރަަޙައްދުވެސް ހުޅުވާލުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އެގޮތުން އެމަގުގައި ޖަހާފައިވާ މާބުލްތައް ތަޅާލައި މަގުތަރައްޤީކުރުމުގެ މަސައްކަތް، އަމީރު އަޙްމަދު މަގުގެ މަސައްކަތް ނިމުމާއިއެކު ފެށުމަށް ހަމަޖެހިފަިއވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުރީގެ ސަރުކާރުން އަމީރު އަޙްމަދު މަގާއި މެދުޒިޔާރާތް މަގުގެ ބައެއް ބަންދުކޮށްފައިވަނީ، އިސްލާމީ މަރުކަޒު މައިދާނުގެ ގޮތުގައި އެތަން ތަރައްޤީކުރުމަށެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި މާލޭ މަގުތައް ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން މަގުތަކަށް ގެނެވެންހުރި ބަދަލުތައް ބަލައި، އެބަދަލުތައް ގެނައުމަށް ހިމަނާފައިވެއެވެ. އެގޮތުން މުދާ ލޯޑްކުރުމާއި އަންލޯޑްކުރުމަށް ޚާއްޞަ ސަރަޙައްދުތައް ކަނޑައެޅުމާއި، މަގުތަކުގައި ބޭނުންނުކޮށް ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ސަރުކާރުންވަނީ މާލޭގެ މަގުތަކުގައި ހުރި ދަތިތަކާއި ގުޅޭގިތުން ޢާއްމުންގެ ޚިޔާލު ހޯދުމަށް ޖަޒީރާ ހޮޅުއަށި ޕްރޮގްރާމްގެ ތެރެއިން ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މަސްދަރު: ޕީއެސްއެމް

Next: ސްޓެލްކޯ އެމްޑީއަކަށް ހަސްން މުގުނީ އެމްޕީއެލްގެ އެމްޑީއަކަށް ސ. ހުޅުދޫ ޝާހިދު އަލީ ހަމަޖައްސައިފި