ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ފަހުހާފްގައި ޖެހި ލަނޑުތަކުން ފަހަތުން އަރާ ގައުމު ޖޫނިއާސް ބަލިކޮށް ޓޫބްރަދާސްއިން މެޗް ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޓޫބްރަދާސް އިން ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ .
މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ކުރީކޮޅު ކާމިޔާބުކުރީ ގައުމުޖޫނިއާސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖައުމު ޖޫނިއާސްގެ ސަހާފްއެވެ. ގައުމު ޖޫނިއާސްއިން ލަނޑެއް ޖަހާ ކުރިހޯދުމުން މެޗްގެ ނަތީޖާ ހަހަމަކުރުމަށް ޓޫބްރަދާސްގެ ކުޅުންތެރީން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށެވެ.
ނަތީޖާ ހަހަމަކުރިލަނޑު ޓޫބްރަދާސްއަށް ކާމިޔާބުކޮށްދިނީ ފަރުހާދެވެ.
ފުރަތަމަ ހާފު 1-1 އިން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗު 47 ވަނަ މިނެޓްގައި ޓޫބްރަދާސްގެ އަބްދުﷲ އިމްރާން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ހޯދައިދީފައެވެ.
މިމެޗްގައި ޓޫބްރަދާސްއިން ކާމިޔާބުކުރި 3 ވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ގައުމު ޖޫނިއާސްގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ ޓޫބްރަދާސްގެ ފަރުހާދެވެ.
މިމެޗްގައި ޓޫބްރަދާށްގެ މައުޝޫގަށް ރެފްރީ ރީދޫ ކާޑު ދައްކާފައިވާއިރު ގައުމު ޖޫނިއާސްގެ ޝިމާއުއަށް ރެފްރީވަނީ 2 ރީދޫ ކާޑު ދެއްކުމަށްފަހު ރަތްކާޑު ދައްކާފައެވެ. ޝިމާއުއަށް ދެ ރީދޫކާޑާއި ރަތްކާދު ދައްކާފައިވަނީ ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާއި ހިތްހަމަނުޖެހިގެން ވާހަކަ ދައްކަމުން ދިއުމުގެ ސަބަބުންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ފަރުހާދަށް ޓްރޮފީ ހަވާލްކޮށްދެއްވީ މީދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމުގައިވާ މުހައްމަދު ޟާމިރުއެވެ.