ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނުމެޗް ގައުމު އެފްސީ ކާމިޔާބުކޮށްފިއެވެ.
މީދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މިމެޗް ގައުމު އެފްސީ ކާމިޔާބުކޮށްފައިވަނީ ކްލަބް ރެޑްއެންޓްސްއާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުންނެވެ.
މިމެޗްގައި ގައުމު އެފްސީއަށް ކާމިޔާބުކުރެވުނު ދެ ލަނޑަކީވެސް ކްލަބް ރެޑްއެންޓްސްގެ ކުޅުންތެރީންއަތުން ބައިކޮޅަށް ވަދެފައިވާ ދެލަނޑެވެ. މިގޮތުން ގައުމު އެފްސީގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ރެޑްއެންޓްސްގެ މުޝާހިދުއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ގައުމު އެފްސީގެ ދެވަނަ ލަނޑަކީ ދެވަނަ ހާފްގައި ރެޑްއެންޑްޓްސްގެ މޫސަ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މިމެޗްގައި ކްލަބް ރެޑްއެންޓްސްއަށްވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައިވާތަން ފެނިގެންދިޔައެވެ. އަދި މީގެއިތުރަށް ގައުމު އެފްސީއަށްވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި އެފުރުސަތުތަކުގައި އެޓީމުގެ ކުޅުންތެރީން ފޮނުވާލި ބޯޅަތައް ރެޑްއެންޓްސްގެ ގޯލްކީޕަރުވަނީ ދިފާކޮށްފައެވެ.
ޔޫނުސުއާއި މައުސޫމް ޝަރަފްވެރިކޮށްދެއްވި އިއްޔެގެމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމު އެފްސީގެ ޖޯޒީ ނަމްބަރ 10 މުހައްމަދު އިރުފާނެވެ.
ރެޑްއެންޓްސް އަތުން ގައުމު އެފްސީ އިއްޔެ މެޗުން މޮޅެވެފައިވާއިރު ދާދި ފަހުން ނިމުނު ގަންބުރި ޗެލެންޖް ފުޓްބޯޅަ މުބާރާތާއި މިދިޔަ އަހަރު ބޭއްވުނު ގަންބުރިކަޕް ފުޓްބޯޅަ މުބާރާތުގައިވެސް ގައުމު އެފްސީވަނީ ރެޑްއެންޓްގެ ކުޅުންތެރީން ހިމެނޭ ޓީމްއަތުން ބަލިވެފައިކަން ފާހަގަކޮށްލަންޖެހެއެވެ.
އިއްޔެގެ މެޗުން ގައުމު އެފްސީ މޮޅުވުމުން އެޓީމު މިމުބާރާތުގައި ކުޅުނު ދެމެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އިއްޔެ މެޗުން ދެރަވި ކްލަބް ރެޑްއެބްޓްސްއަށް ދެމެޗް ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ.