މިހާރުކުރިއަށްދާ މަސައްކަތްތަކަށް ބުރޫނާރައި ކުރިއަށްގެންގޮސްފިނަމަ ދަރުމަވަންތަ ހޮސްޕިޓަލް މިއަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭވަރު ވާނެކަމަށާ އަދި އައްޑޫގައި ޤާއިމުކުރާ ޓަރޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރ މަހާހަމައަށް ނިންމޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ލަސްވެގެންދަނީ ބޭރުޤައުމުތަކުން މެޝިނަރީސް އެތެރެކޮށް އިންސްޓޯލްކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންކަމަށެވެ.
ޕީއެސްއެމްނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި ރާއްޖޭ ތަރައްޤީކުރުމަށް ކުރެއްވި މަސައްކަތްތަށް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮއްދިނުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ލާޒިމް ކަމެއްކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑޫގައި ޤާއިމުކުރުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ތަންތަންކަމަށާ މިތަންތަނުގެ ޚިދުމަތްތަށް ފުރިހަމައަށް ފޯރުކޮއްދިނުމުގައި ކުރިއަށް އޮތް ސަރުކާރުގެ ސިޔާސަތުތައް މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީއެއް ރާއްޖެއަށް ގެނެވޭނީ ދުރުވިސްނުމުގެ ސިޔާސަތެއްގެތެރެއިން ފިއްތުންތަކުން އެއްކިބާވެ އެއިރަކު ހުންނަ ވެރިޔަކު މަސައްކަތްކުރައްވައިގެންކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ހައްލު ހޯއްދަވައިދެއްވުމަށް ހެލްތް މިނިސްޓަރ ގޮވާލެއްވިއެވެ.