“ރަން އިން އައްޑޫ”ގައި ހިމެނޭ ކުޑަކުދިންގެ ދުވުމާއި އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން މިއަދު ހަވީރު

ޓީއެފްޖީން އިންތިޒާމްކޮށްގެން އައްޑުއަތޮޅުގައި  ބާއްވާ “ރަން އިން އައްޑޫ”ގެ އިވެންޓުގައި ހިމެނޭ  ކުޑަކުދިންގެ ދުވުމާއި އުމުރުން ދުވަސްވީ މީހުންނަށް ބާއްވާ ހިނގާލުން މިއަދު ހަވީރު އައްޑޫ ސިޓީ ކައުންސިލް އިދާރާ ކުރިމަތިން ފަށާގޮތައްވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން މިއަދު ހަވީރު 4:45 ގައި ފަށާ އިރު ކުޑަކުދީންގެ ދުވުން ފެށުމަށް ހަމަޖެހިފައިވަނީ  ހަވީރު 5 ޖަހާއިރު އެވެ.

ރަންއިން އައްޑޫގައި ހިމެނޭ މެރެތަން (42 ކިލޯމީޓަރު) ރޭސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު 2 ޖަހާއިރެވެ.

ހާފް މެރެތަން (21 ކިލޯމީޓަރު) މިރޭ ފަތިހު 5 ޖަހާއިރު ފަށާއިރު 10 ކިލޯމީޓަރު ރޭސް ފެށުމަށް ހަމަޖެހިފައިވަނީ  ހެނދުނު 6 ޖަހާއިރެވެ. އަދި ފަހު އިވެންޓް ނުވަތަ ފަސް ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 7 ޖަހާއިރެވެ.

މި ހަރަކާތް ހިނގަމުންދާ ވަގުތު ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އެކްސްޕޯ ކުރިއަށްދާނެއެވެ.

މިފަހަރު “ރަން އިން އައްޑޫ”ގެ ހުރިހާ އިވެންޓެއްގެ ސްޓާޓް ޕޮއިންޓާއި ފިނިޝިން ޕޮއިންޓް ގާއިމްކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ.

ޓީއެފްޖީން ހުޅުމާލޭގައި ބޭއްވި  ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު އައްޑޫގައި ބާއްވާ އިވެންޓްތަކުގައިވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ.

ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވޮލަންޓިއަރުންގެ އަގު ވެސް ވަޒަންކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

Next: އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި