ހުއްދަ ދެވިފައިވާ ރިސޯޓުތަކާ ސަފާރީތަކަށް ބަނގުރަލާ އޫރުމަސް އުފުލާ އުޅަނދުތަކުގައި ޓްރެކިންގް ޑިވައިސް ހަރުކުރަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނިންމައިފިއެވެ.
ކަސްޓަމްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސަރވިސްގެ ކޮމިޝަނަރ ޖެނެރަލް މުޙައްމަދު ޖުނައިދު ވިދާޅުވީ ބަނގުރަލާއި އޫރުމަސްފަދަ ތަކެތި ކަނޑުމަގުން އުފުލާ އުޅަނދުފަހަރުގައި ސެޓްލައިޓް މެދުވެރިކޮށް ޓްރެކް ކުރެވޭނެ ކުޑަ ޓްރެކިން ޑިވައިސްއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ޖުނައިދު ވިދާޅުވީ އެ ފަދަ ޑިވައިސްއެއް ހަރުކުރުމުގެ ބޭނުމަކީ އެ ވެސެލްއެއްގެ މޫވްމަންޓް ޓެރެކް ކުރުން ކަމަށާއި، އެ ޑިވައިސް ހަރުކުރުމުން ކަސްޓަމްސްގެ ކޮންޓްރޯލް ރޫމަށް އެ އުޅަނދެއް ދަތުރު ކުރަމުންދާ މިސްރާބު އެނގޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން އެ އުޅަނދެއް ދާން ޖެހޭ ދިމާނޫން އެހެން ދިމާލަކަށް ދާނަމަ އެނގިގެން ދާނެކަމަށް ޖުނައިދު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އެެތެރެކުރާ ބަނގުރާ ހުއްދަ ނޫން އެކި ދިމަދިމާލަށް ދިއުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ މިއީ ޒަމާނުއްސުރެއް ކުރަމުން އަންނަ ކަމެއްކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަކީ ގޮންޖެހުމެއްކަމަށެވެ. އެހެންކަމުން ކަސްޓަމްސްއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޖުނައިދު ވިދާޅުވިއެވެ.