ވޯލްޑްކަޕް ނުފެންނާނެ ޙާލަތެއް މެދުވެރި ނުކުރުމަށް ކޭބަލް އޮޕަރޭޓަރުންނަށް އިލްތިމާސްކޮށްފި

ދިވެހި އެއްވެސް ރައްޔިތަކަށް ވޯލްޑްކަޕް ނުފެންނާނެ ޙާލަތެއް މެދުވެރި ނުކުރުމަށް ރާއްޖޭގެ ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ލިބިފައިވާ ހަމައެކަނި ފަރާތް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމްއިން މިއަދު ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް ވޯލްޑްކަޕް ފެންނާނެ ގޮތް ހެދުމަށް އެ ކުންފުނިން ހުރިހާ ކޭބަލްޓީވީ އޮޕަރޭޓަރުންނަށް ވޯލްޑްކަޕް ދެއްކުމަށް ބޭނުންވާ ރިސީވަރ އެއްވެސް އަގަކާނުލައި ދޫކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީއެސްއެމްގެ ހުއްދަނެތި ދިވެހިރާއްޖޭގެ ސަރަޙައްދެއްގައި އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ވޯލްޑްކަޕްގެ މެޗުތައް ބްރޯޑްކާސްޓްރުމާއި ރީބްރޯޑްކާސްޓް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

“އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހައި ޑެފިނިޝަން ކޮލިޓީގައި ވޯލްޑްކަޕް ފެންނާނެގޮތް މި ކުންފުނިން ވަނީ އިންތިޒާމްކޮށްފައެވެ. މިގޮތުން ޓެލެވިޜަން މޯލްޑިވްސްއާ ޔޭސްޓީވީއިން ވޯލްޑްކަޕްގެ މެޗުތައް ފެންނާނެއެވެ.” ޕީއެސްއެމްއިން ނެރުނު ޢިއުލާނުގައިއެވެ.

މީގެ އިތުރުން ޕީއެސްއެމްއިން ބުނީ ވޯލްޑްކަޕް ދެއްކުމަށް އެ ކުންފުންޏަށް ލިބިފައިވާ ޙައްޤުތަކަށް އުނިކަން އަންނާނެ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެފަރާތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

Next: މަތީ ޘާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ