ވޭތުވެދިޔަ އެޕްރިލް މަހުގެ ބިލް ހެދުމުގައި ރައްޔިތުން އޮޅުވާލާފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓަށް ރަށްރަށުން ނަނަގަމުން އައި ޓެރިފްގެ އަގު ހެޔޮކޮށްފައިވާއިރު، އެޕްރިލްމަހުގެ ކަރަންޓް ބިލު ބޮޑުވާން ޖެހުނު ސަބަބަކާމެދު ރައްޔިތުން ސުވާލު އުފައްދަފައިވާތި އެކަމާ ގުޅިގެން އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ކުންފުނީގެ ފަރާތުން ވާހަކަދައްކަވަމުން ނަޖާޙު ވިދާޅުވީ އެއްވެސް އިރަކު ބިލް ތައްޔާރުކުރުމުގައި ރައްޔިތުންނަށް އޮޅުވާލައިފާ ނުވާނެކަމަށާ އަރައިގެން އުޅެނީ އޮޅުންތަކެއް ކަމަށެވެ.
އެގޮތުން ފެނަކައިން ކަރަންޓް ގެ ޓެރިފް ހެޔޮކޮށް ފުރަތަމަ ބިލެއް ފޮނުވައިފައިވާނީ، މާރޗް މަހުގެ ބިލް ކަމަށާ އެހެން ނަމަވެސް އެ ބިލާ ގުޅިގެން ރައްޔިތުންގެ އެއްވެސް ޝަކުވާ އެއް އައިސްފައިވާ ނުވާ ކަމަށެވެ. އެހެން އެކަން ވީ ކަރަންޓް ބިލްތަކަށް އަރާފައިވާ އަދަދު ކުޑަވުމުން ކަން ޤަބޫލުކުރެވޭ ކަމަށާ އެހެން ނަމަވެސް އޭޕްރިލް މަހުގެ ބިލު ލިބުމާއި އެކު ޝަކުޥާތައް އައިސްފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭޕްރިލް މަހުގެ ބިލް އިންނާނީ ވެސް 26 ދުވަހަށް ކަން ފާހަގަކުރައްވަމުން ނަޖާހު ވިދާޅުވީ އެހެންކަމުން ޔޫސޭޖް ބަހާފައި އިންނާނީ 87.78 ގެ ރޭޓުން ކަމަށެވެ.
އެހެން ކަމުން ބައެއް ބޭފުޅުންނަށް އޮޅިފައި އޮތީ އެގޮތަށް ޔުސޭޖް ބެހުމުން ބިލް ބޮޑުވީ ކަމަށާ އެހެންނަމަވެސް ކަންވީ އެހެން ނޫންކަމަށާ 100 ޔުނިޓުން ބެހިޔަސް ބިލަށް އަރާނީ ހަމައެއްވަރަށް ކަމަށެވެ.
އަދި ހަމަ 33 ދުވަހަށް ފެބްރުއަރީމަހުގެ ބިލް ހަދާފައިވާއިރު އެކަމާ ގުޅިގެން ކަރަންޓް ބިލް ބޮޑުވެގެން ޝަކުވާ އައިސްފައި ނުވާއިރު މިހާރު 26 ދުވަހެއްގެ ބިލަށް ރައްޔިތުން ޝަކުވާ ކުރަނީ އެއީ ވަރަށް އޮޅުމެއްގެ ސަބަބުންކަމަށް ވެސް ނަޖާހު ފާހަގަކުރެއްވިއެވެ.
ބިލް ބޮޑުވާން ދިމާވި ސަބަބާ ގުޅޭގޮތުން މީޑިޔާ އަށް މަޢުލޫމާތުދެއްވަމުން އަޒްލީމު ވިދާޅުވީ، އަބަދުވެސް މި ދުވަސްވަރާ ދިމާކޮށް ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ އަންނަކަން ނޫސްވެރިންނަށްވެސް ފާހަގަވާނެ ކަމަށާ ކޮންމެ އަހަރަކުވެސް މި ދުވަސްވަރާ ދިމާކޮށް އެހެން ކަންތައް ދިމާވަނީ، ކަސްޓަމަރުންގެ ކޮންސަޕްޝަނަށް އަންނަ ބަދަލުންކަމަށެވެ.
އަހަރުގެ މިހާ ހިސާބަކީ އަބަދުވެސް މޫސުމަށް ބަދަލުތަކެއް އައިސް ހޫނު ދުވަސްތަކެއް ގުނަން ޖެހިފައިވާ ވަގުތަށްވެގެންދާއިރު، ކަސްޓަމަރުން އެމީހުން ބޭނުން ކުރާ ކަރަންޓްގެ މިންވަރު އިތުރުކުރާ ކަމަށާ އެހެހްނކަމުން ބިލްތައް ބޮޑުވެގެން ދާކަމަށް އަޒްލީމް ވިދާޅުވިއެވެ.
ބިލްތައް ބޮޑުވެގެން ޚާއްޞަކޮށް އެންމެ ބޮޑަށް ފާހަގަކުރެވޭނީ އޭސީ ކޮށްފައި ހުންނަ ގޭބިސީތަކުގައި ކަން ފާހަގަކުރައްވަމުން އަޒްލީމް ވިދާޅުވީ، ބިލް ބޮޑުވީ އަކީ ޓެރިފަށް ގެނައި ބަދަލަކުން ނޫންކަމަށެވެ.
148 ރަށެއްގައި 152 އިންޖީނު ގޭގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިހާރު ދަނީ މާލެ އާއި އެއް އަގެއްގައި އަތޮޅުތެރެއަށް ވެސް ކަރަންޓްގެ ޚިދުމަތް ދެމުންނެވެ.
އެގޮތުން 0-100 ޔުނިޓަށް މީގެ ކުރިން ނަގަމުން އައި 20/2ރ ގެ ބަދަލުގައި މިހާރު ނަގަމުން ދަނީ 50/1ރ އެވެ. އެއީ 70 ލާރިގެ ކުޑަކުރުމެކެވެ. އަދި 100-200 ޔުނިޓަށް މީގެ ކުރިން ނަގަމުން އައި 75/2ރ ގެ ބަދަލުގައި 70/1ރ ނަގާ، 15/1ރ ވަނީ އަގުހެޔޮކޮށްފައެވެ.
މީގެއިތުރުން، 200-300 ޔުނިޓަށް މީގެ ކުރިން ނަގަމުން އައ 40/3ރ ގެ ބަދަލުގައި 15/2ރ ނަގާ 25/1ރ ގެ ހެޔޮ ބަދަލެއްވަނީ ގެނެސްފައެވެ. އަދި ހަމައެހެންމެ 300-400 ޔުނިޓަށް މީގެ ކުރިން ނަގަމުން އައީ 50/3ރއެވެ. އެހެން ނަމަވެސް މިހާރު އެ ޔުނިޓްތަކަށް ނަގަނީ 50/2ރއެވެ. މިއީ 1 ރުފިޔާގެ ހެޔޮ ބަދަލެކެވެ.