މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ސީރިއަސްވެ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެނީ

ކުޑަ ދޯންޏެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ހާލު ސީރިއަސް ވުމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ 28 ފޫޓްގެ ކުޑަ ދޯންޏެއްގައި ހދ.ކޭލަކުނު ކައިރިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ނޭވާ ނުލެވިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިރޭ 22:25 ހާއިރު ކޯސްޓްގާޑް ލޯންޗެއްގައި އެ ޒުވާނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ތޮޅި ހެރިގެން ގެނައި ޒުވާނާއަށް ފަރުވާދެމުންދާކަމަށާއި އޭނާ ހާލާމެދު ވަކި އެއްޗެއް ބުންނަ އަދި ނޭނގޭ ކަމަށެވެ

Next: މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދ އަތޮޅން ފެށިގެން އައްޑުއަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފި